ކްރިސްޓިއާނޯ ރޮނާލްޑޯ

ކުރިމަގުގައި މެސީއާއެކު ކެއުމަކަށް ދެވޭނެ ކަމަށް އުންމީދުކުރަން: ރޮނާލްޑޯ

އަލީ ރިފްޝާން

1

ކުރިމަގުގައި އާޖެންޓީނާ ތަރި ލިއޮނެލް މެސީއާއެކު ކެއުމަކަށް އެއް މޭޒެއް ދޮށަށް ދެވޭނެ ކަމަށް އުންމީދުކުރާ ކަމަށް ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ.

ޔުވެންޓަސްގެ ރޮނާލްޑޯ އާއި ބާސެލޯނާގެ މެސީއަކީ ގިނަ އަހަރުތަކެއް ވަންދެން ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ވާދަކުރި ދެ ކުޅުންތެރިންނެވެ. ރޮނާލްޑޯ އަދި މެސީ ވެސް ވަނީ ފަސް ފަހަރު ބެލޮންޑިއޯ އެވޯޑު ހާސިލުކޮށްފައެވެ.

އަހަރުތަކެއް ވަންދެން ޗެމްޕިއަންސް ލީގުގެ އިތުރުން ސްޕެނިޝް ލަލީގާގައި ވެސް ދެ ކުޅުންތެރިންގެ ވާދަވެރިކަން ފެނިގެން ގޮސްފައިވެއެވެ. ނަމަވެސް މިދިޔަ ސީޒަނުގައި ރޮނާލްޑޯ ވަނީ ސްޕެއިންގެ ރެއާލް މެޑްރިޑް ދޫކޮށް އިޓަލީގެ ޔުވެންޓަސްއާ ގުޅިފައެވެ. އެހެންކަމުން ލަލީގާގައި ފެނިގެންދިޔަ އެ ދެ ކުޅުންތެރިންގެ ވާދަވެރިކަން ވަނީ ނިމުމަކަށް އައިސްފައެވެ.

އޭގެ އިތުރުން ވިދިވިދިގެން ރޮނާލްޑޯ ނުވަތަ މެސީ ހޯދަމުންދިޔަ ބެލޮންޑިއޯ އެވޯޑު ވެސް ވަނީ ނިމުމަކަށް އައިސްފައެވެ. ރޮނާލްޑޯ އާއި މެސީ ފަހަތަށް ޖައްސާލުމަށް ފަހު، އެންމެ ފަހުން ބެލޮންޑިއޯ އެވޯޑު ހޯދީ މެޑްރިޑްގެ ކްރޮއޭޝިއާ މިޑްފީލްޑަރު ލޫކާ މޮޑްރިޗެވެ.

ދުވަސްތަކަކަށްފަހު ރޭ ބޭއްވި ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގުރުނެގުމުގެ ރަސްމިއްޔާތުގައި ރޮނާލްޑޯ އާއި މެސީ ވަނީ އެކުގައި ފެނިފައެވެ. އެ ރަސްމިއްޔާތުގައި ރޮނާލްޑޯ ވަނީ މެސީއަށް ތައުރީފުކޮށް ވާހަކަ ވެސް ދައްކައިފައެވެ.

"އަހަރެމެން ދެމީހުން އެކުގައި އެއް ސްޓޭޖެއް ހިއްސާކުރާތާ މިހާރު 15 އަހަރުވެއްޖެ. މީގެ ކުރިން ފުޓުބޯޅައިގައި އެފަދަ ކަމެއް ވެފައިވާ ހެނެއް އަހަރެންނަށް ހިއެއް ނުވޭ. ކޮންމެ ފަހަރަކު އެއް ސްޓޭޖެއް ހިއްސާކުރުން، އެއީ ފަސޭހަކަމެއް ނޫން. އަހަރެމެން ދެމީހުންގެ ދެމެދުގައި އޮތީ ރަނގަޅު ގުޅުމެއް. އަހަރެމެން ދެމީހުން އެކުގައި އަދި ކެއުމަކަށް ނުދަން. އެކަމަކު ކުރިމަގުގައި އަހަރެމެން ދެމީހުން އެކުގައި ކެއުމަކަށް އެއް މޭޒު ދޮށަށް ދެވޭނެ ކަމަށް އުންމީދުކުރަން،" ރޮނާލްޑޯ ބުންޏެވެ.

ރޮނާލްޑޯ ބުނީ ފާއިތުވެދިޔަ 15 އަހަރު ދެ ކުޅުންތެރިން އެކަކު އަނެކަކާ ވާދަކުރެވިފައިވާ ކަމަށާއި އެކަކު އަނެކަކުގެ ސަބަބުން ދެ ކުޅުންތެރިންނަށް ވެސް ކުޅުން ރަނގަޅު ކުރަން މަޖުބޫރުވާ ކަމަށެވެ.

މިއަހަރުގެ ޔޫއެފާ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ވެސް ރޮނާލްޑޯ އަދި މެސީއަށް ވަނީ ގެއްލިފައެވެ. މިއަހަރު އެ އެވޯޑު ހޯދާފައިވަނީ ލިވަޕޫލްގެ ނެދަލެންޑްސް ޑިފެންޑަރު ވާޖިލް ވެން ޑައިކްއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟