ޝަހީދާ އަބްދުﷲ ސައީދު
މޯލްޑިވްސް ކަސްޓަމްސް ސާވިސް އޮތީ ގައުމީ ސަލާމަތާއި ރައްކާތެރިކަމަށްޓައި ބޭރުގެ ގައުމުތަކާއެކު އަތު ގުޅާލައިގެން ކަމަށް ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އަހުމަދު ނުއުމާނު ވިދާޅުވެއްޖެއެވެ.
ކަސްޓަމްސްގެ 129 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް އިސްލާމީ މަރުކަޒު ހޯލުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނުއުމާނު ވިދާޅުވީ ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް ބޭރުގެ ގައުމުތަކާއެކު ވަރުގަދަ ގުޅުމަކުން އަތުގުޅާލައިގެން ތައްޔާރަށް ތިބި ކަމަށެވެ. އަދި ތައުލީމީ ގާބިލު ޒުވާން ޓީމަކާއެކު ކަސްޓަމުން މަސައްކަތް ކުރަމުންދަނީ ހީވާގި ކަމާއި ހުޝިޔާރު ކަމާއެކުގައި ކަމަށް ވެސް ވިދާޅުވިއެވެ.
ނަމަވެސް ރާއްޖޭގެ އިގްތިސާދީ ދުވެލި އިތުރުވަމުންދާއިރު ބޯޑަރު ހުރަސްކޮށް ހިންގާ ކުށްތައް އިތުރުވަމުންދާ ކަމަށާއި އަދި ކުށްވެރިން ކުށްކުރުމަށް ގެންގުޅޭ އުކުޅުތައް ވެސް ބަދަލުވަމުންދާކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ، ޓެރަރިޒަމާއި ހިއުމަން ޓްރެފިކިން އަދި މަނީ ލޯންޑަރިންފަދަ ކުރިން އުފަން ނުވާ މައްސަލަތައް އިތުރުވަމުންދާ ކަމަށެވެ.
އަދި އެކަންކަން ހައްލުކުރުމުގެ ޒިންމާ ކަސްޓަމްސްގެ ކޮނޑުގައި އެޅިފައި އޮތްއިރު، އެކަންކަމާ ކުރިމަތިލުމަށް ހުރި ވަސީލަތްތަކާއި ފުރުސަތުތައް އިތުރު ނުވުމަކީ ބޮޑު ގޮންޖެހުމެއް ކަމަށާއި ލިބިފައިވާ ވަސީލަތްތައް ބޭނުންކޮށްގެން އެތެރެ އާއި ބޭރުގެ އެހީގައި ކުރެވޭ މަސައްކަތްތަކުން ގޮންޖެހުތަކާއި ކުރިމަތިލާ ކާމިޔާބު ހޯދަމުންދާ ކަމަށް ނުއުމާނު ވިދާޅުވިއެވެ.
ނުއުމާން އިތުރަށް ވިދާޅުވީ މިއަހަރު ވެސް ކަސްޓަމްސްގެ އިންސާނީ ވަސީލަތްތައް ތަރައްގީކޮށް މުވައްޒަފުންނަށް އެކި ތަމްރީންތައް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މިއަހަރުގެ ފުރަތަމަ ތިން މަސް ދުވަހު އެ މުއައްސަސާއިން ހާސިލް ކުރަން ބޭނުންވާ ލަނޑުދަނޑިތައް ކަނޑައަޅާ އެކަމުގެ 90 ޕަސެންޓް ހާސިލްކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
މިރޭގެ ރަސްމިއްޔާތުގައި ކަސްޓަމްސްގެ ތަސައްވުރާއި އަމާޒަށް ވާސިލުވުމަށްޓަކައި ކަސްޓަމްސްގެ ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ސްޓްރެޓިޖިކް ޕްލޭން ވަނީ އިފްތިތާހްކޮށްފައެވެ. އެ ޕްލޭން އިފްތިތާހު ކޮށްދެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއެވެ.
އޭގެ އިތުރުން މިރޭގެ ރަސްމިއްޔާތުގައި ނައިބް ރައީސް ފައިސަލް ވަނީ، ކަސްޓަމްސްގެ 130 ވަނަ އަހަރީ ލޯގޯ އިފްތިތާހް ކޮށްދެއްވައިފައެވެ.