ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް

ކަސްޓަމްސްގެ މުވައްޒަފުން މަސައްކަތް ކުރަންވާނީ ތެދުވެރިކަމާއި ނަޒާހަތްތެރި ކަމާއެކު: ނައިބު ރައީސް

ޝަހީދާ އަބްދުﷲ ސައީދު

މޯލްޑިވްސް ކަސްޓަމްސްގެ މުވައްޒަފުން މަސައްކަތް ކުރަންވާނީ ތެދުވެރިކަމާއި ނަޒާހަތްތެރިކަމާއެކު ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ކަސްޓަމްސްގެ 129 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް އިސްލާމީ މަރުކަޒު ހޯލުގައި މިރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ނައިބް ރައީސް ފައިސަލް ވިދާޅުވީ، ކަސްޓަމްސް އަކީ ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ވަރަށް ބުރަ މަސައްކަތްތަކެއް ކުރައްވާ އަދި ރާއްޖޭގެ ގައުމީ ސަލާމަތާއި ރައްކާތެރިކަން ހިމާޔަތްކުރުމަށް ވަރަށް މުހިންމު މަސްއޫލިއްޔަތުތަކެއް އަދާކުރަންޖެހޭ އިދާރާއެއް ކަމަށެވެ.

އަދި އެފަަދަ މަސައްކަތްތަކެއް ކުރަމުންދާއިރު، އަބަދުވެސް ގައުމަށް އެންމެ ފައިދާހުރި ގޮތަކަށް ވިސްނަން ޖެހޭނެ ކަމަށާއި ވަޒީފާގައި އިސްކުރަން ޖެހޭނީ ތެދުވެރިކަމާއި އަމާނާތްތެރިކަން ކަމަށެވެ.

''އަޅުގަނޑުމެން ކުރާ ކޮންމެ ކަމެއްގައި ނަޒާހަތްތެރިކަން އިސްކުރަން އެބަޖެހޭ. އަޅުގަނޑުމެން މިއަދު ދައްކުވައިދޭ މިސާލަކުން އެކުރާ މަސައްކަތެއްގައި އަޅުގަނޑުމެންގެ ތެދުވެރިކަން ހުރި މިންވަރަކުން އަޅުގަނޑުމެންނަށް ނަމޫނާ އެ ދެއްކެނީ މާދަމާ މަސައްކަތްތަކާ ހަވާލުވާން ތިބި ފަރާތްތަކަށް،'' ނައިބު ރައީސް ވިދާޅުވިއެވެ.

މި ސަރުކާރުން ކޮރަޕްޝަންގެ އެއްވެސް އަމަލަކަށް ޖާގަ ނުދެއްވާނެކަން ފާހަގަކުރައްވާ އެމަނިކުފާނު އިތުރަށް ވިދާޅުވީ، ގާނޫނުތައް ކިތަންމެ ރަގަޅަށް ހެދި ނަމަވެސް ކޮރަޕްޝަނާއި ހިޔާނާތާއި ފަސާދައަކީ އެއީ އިންސާނާގެ އަމިއްލަ ނަފުސު އިސްލާހު ކޮށްގެން ނޫނީ ނުހުއްޓުވޭނެ ކަމެއް ކަމަށެވެ. އެހެންކަމުން ކޮންމެ މުވައްޒަފަކު ވެސް ތެދު ނިޔަތުގައި މަސައްކަތް ކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ.

އެގޮތުން މިއަދު ކުރަމުންދާ މަސައްކަތާ، މާދަމާ ޒުވާނުން ހަވާލުވާއިރު އެމީހުންނަށް ރަނގަޅު މަގެއް ކޮށައިދޭން ޖެހޭ ކަމަށް ވިދާޅުވިއެވެ. އަދި ވިދާޅުވީ، މާދަމާ ގައުމު ހިންގަން ތިބި ޒުވާނުންނަށް ކޮންމެ ދާއިރާއަކުން ވެސް މިސާލު ދެއްކުމަކީ އެއީ ކޮންމެ މީހަކު ވެސް ކުރަން ޖެހޭނެ ކަމެއް ކަމަށެވެ.

މިރޭގެ ރަސްމިއްޔާތުގައި ނައިބު ރައީސް ވަނީ ކަސްޓަމްސްގެ 130 ވަނަ އަހަރުގެ ލޯގޯ ވެސް އިފްތިތާހް ކޮށްދެއްވައިފައެވެ.