މުހައްމަދު އައުޒަމް
ރަނގަޅު، ހިތްފަސޭހަ ދިރިއުޅުމެއް އުޅެވޭ ތަނަކަށް މާލެ ހެދޭނީ ލާމަރުކަޒީ ނިޒާމަކުން ރާއްޖެ ތަރައްގީކުރެވިގެން ކަމަށް އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ ޚިޔާލު ހޯދުމަށް "ޖަޒީރާ ހޮޅުއަށި" ގެ ނަމުގައި މިރޭ ދަރުބާރުގޭގައި ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ ބާރުތައް ބަހާލެވި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރަށްވުރެ ބޮޑަށް ތަރައްގީގެ މަޝްރޫއުތައް ހިންގެން އެބަޖެހޭ ކަމަށެވެ.
"އެނގިވަޑައިގަންނަވާނެ، ލާމަރުކަޒީ ރާއްޖެ، ޖަޒީރާ ރާއްޖެ ތަރައްގީކުރުމަށްޓަކައި މާލެ އެބަޖެހޭ ހިތްފަސޭހަތަނަކަށް ވާން. މާލެ ހިތްފަސޭހަތަނަކަށް، ރަނގަޅު ދިރިއުޅުމެއް އުޅެވޭ ތަނަކަށް ވާނީ ލާމަރުކަޒީ ނިޒާމަކުން ރާއްޖެ ތަރައްގީކުރެވިގެން. ބާރުތައް ބަހާލެވި ރާއްޖެ ތަރައްގީކުރުމުގައި މިއަށްވުރެ ރަނގަޅަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްގީގެ މަޝްރޫއުތައް ހިންގެން އެބަޖެހޭ،" އިބޫ ވިދާޅުވިއެވެ.
މިރޭ ފެށި ޖަޒީރާ ހޮޅުއަށީގެ ފުރަތަމަ ބައްދަލުވުމަކީ މާލޭގެ މަގުތަކާ ބެހޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމަށް ބޭއްވި ބައްދަލުވުމެކެވެ.
އިންތިޚާބީ ރައީސް ވިދާޅުވީ މާލެއަކީ ރާއްޖޭގެ ވެރިކަންކުރާ ރަށް ކަމުގައިވާއިރު، 150،000 އަށް ވުރެ ގިނަ ރައްޔިތުން ދިރިއުޅޭ ކަމަށެވެ. މާލޭގައި ދުއްވާތަކެއްޗަށް ބަލާއިރު، އަށްހާހެއްހާ ހަތަރު ފުރޮޅުލީ ދުއްވާތަކެތި އެބަހުރި ކަމަށާއި އަދި 90،000 އަށް ވުރެ ގިނަ ސައިކަލް ދުއްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"މާލޭގެ މަގުތަކުގެ ހާލަތު އަޅުގަނޑު މިރޭ މިތާހުރެ އިތުރަށް ދަންނަވަންޖެހޭނެ ކަމަށް އަޅުގަނޑު ނުދެކެން. ދުއްވާތަކެއްޗަށް ދުއްވޭކަށް ނެތް، ޕާކްކުރާނެ ޖާގައެއް ނެތް. ހިނގާލާނެ ޖާގައެއް ނެތް،" އިބޫ ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ކެމްޕޭންގައި ވެސް ކޯލިޝަނުން ދެއްކި އެންމެ މުހިންމު އެއްވާހަކަ އަކީ ޚިދުމަތްތައް ރައްޔިތުން ބޭނުންވާގޮތަށް ދެވޭނީ ރައްޔިތުންގެ އަޑުއަހައިގެން ކަމުގައި ކަމަށެވެ. އެހެންކަމުން ރައްޔިތުންގެ އަޑުއެހުމަށްޓަކައި މާލޭގެ އިތުރުން އަތޮޅުތަކުގައި ވެސް އެފަދަ ބައްދަލުވުންތައް ބާއްވާނެ ކަމަށް އިންތިޚާބީ ރައީސް ވިދާޅުވިއެވެ.
"މިރޭ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިފަށަނީ އެ މަސައްކަތް. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ސަރުކާރުގަ މަސައްކަތްތައް ބިނާވެގެންދާނީ ރައްޔިތުންގެ މަޝްވަރާއާއި ރައްޔިތުންގެ އަޑުއެހުމާއެކީގައި ރައްޔިތުންނާ ވަރަށް ގާތުން. އެގޮތުން ރައްޔިތުންގެ މަޝްވަރާ އަޅުގަނޑުމެން އަޑުއަހާނަން. ސިވިލް ސޮސައިޓީތަކާ އެންޖީއޯތަކުގެ ބައިވެރިވުން އިތުރުކުރެވިގެންދާނެ. އަދި ރައްޔިތުންނަށްދޭ ޚިދުމަތްތައް އަޅުގަނޑުމެން ދެމުންގެންދާނީ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތައް މެދުވެރިކޮށް ލާމަރުކަޒީ އުސޫލުން،" އިބޫ ވިދާޅުވިއެވެ.