ޔޫއެފާ

މެސީ އާއި ރޮނާލްޑޯ ފަހަތަށް ޖައްސާލުމަށް ފަހު، ޔޫރަޕްގެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ވެން ޑައިކް ހޯދައިފި

އާޖެންޓީނާ ތަރި ލިއޮނެލް މެސީ އާއި ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ފަހަތަށް ޖައްސާލުމަށް ފަހު، ޔޫރަޕްގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ލިވަޕޫލްގެ ނެދަލެންޑްސް ޑިފެންޑަރު ވާޖިލް ވެން ޑައިކް ހޯދައިފިއެވެ.

ޔޫއެފާ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ވެން ޑައިކްއާ ހަވާލުކޮށްފައިވަނީ ފްރާންސްގެ މޮނާކޯގައި މިރޭ ބޭއްވި ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގުރުނެގުމުގެ ރަސްމިއްޔާތުގައެވެ.

އެ އެވޯޑަށް ނޮމިނޭޓްވި ތިން ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ ބާސެލޯނާގެ އާޖެންޓީނާ ތަރި ލިއޮނެލް މެސީ އާއި ޔުވެންޓަސްގެ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އަދި ވެން ޑައިކްއެވެ. އެ އެވޯޑަށް މެސީ އާއި ރޮނާލްޑޯ ވާދަކޮށް، އެވޯޑު ހޯދާތާ ގިނަ އަހަރުތަކެއް ވެއްޖެއެވެ.

ޔޫރަޕްގެ އެންމެ މޮޅު ކުޅުންތެރިޔާގެ އިތުރުން ޔޫރަޕްގެ އެންމެ މޮޅު ޑިފެންޑަރުގެ އެވޯޑު ވެސް ހޯދާފައިވަނީ ވެން ޑައިކްއެވެ. ޔޫއެފާ އެންމެ މޮޅު ގޯލްކީޕަރުގެ އެވޯޑު ހޯދީ ލިވަޕޫލްގެ ބްރެޒިލް ކީޕަރު އެލިސަން ބެކާއެވެ. އެންމެ މޮޅު މިޑްފީލްޑަރަކަށް މިދިޔަ ސީޒަނުގައި އަޔެކްސްއަށް ކުޅުނު ފްރޭންކީ ޑި ޔޮންގް ހޮވުނު އިރު، އެންމެ މޮޅު ފޯވަޑަކަށް ހޮވުނީ މެސީއެވެ.

މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ލިވަޕޫލުގެ ކުޅުންތެރިން ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކައިފައެވެ. އޭގެ ތެރެއިން އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ހޯދި ވެން ޑައިކް އާއި އެންމެ މޮޅު ކީޕަރުގެ އެވޯޑު ހޯދި ބެކޭއާއި މިސްރު ފޯވަޑް މުހައްމަދު ސަލާހު އަދި ސެނަގާލް ފޯވަޑް ސާޑިއޯ މާނޭގެ ކުޅުން ފާހަގަކޮށްލެވެއެވެ.