ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު

އާއިލާ މެމްބަރުންގެ މަރާ ގުޅިގެން ގައުމީ ޓީމު ދޫކޮށް އިއްބެ ރާއްޖެ އަތުވެއްޖެ

އަލީ ރިފްޝާން

ލޯންޗު ބަންޑުން ޖަހާލި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ގައުމީ ފުޓުބޯޅަ ޓީމުގެ މިޑްފީލްޑަރު އިބްރާހިމް ވަހީދު (އިއްބެ)ގެ އާއިލާ މެމްބަރުންތަކެއް ހިމެނޭތީ، ޓީމު ދޫކޮށް އޭނާ ރާއްޖެ އަތުވެއްޖެއެވެ.

ހދ. ނޮޅިވަރަންފަރުން ފުރައިގެން ހަނިމާދުއަށް ދަތުރުކުރަނިކޮށް ލޯންޗު ބަންޑުން ޖަހާލި ހާދިސާގައި މަރުވި ފަސް މީހުންގެ ތެރޭގައި އިއްބެގެ އާއިލާގެ ހަތަރު މެމްބަރުން ހިމެނެއެވެ.

އެ ހާދިސާ ހިނގާފައިވަނީ ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ގުއާމްއާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗަށް ތައްޔާރުވުމަށް ގައުމީ ޓީމު ލަންކާގައި ކޭމްޕު ކުރަމުން އަންނަނިކޮށެވެ. އާއިލާ މެމްބަރުންގެ މަރާއެކު ގައުމީ ޓީމުގެ މުހިންމު މިޑްފީލްޑަރު އިއްބެ، މިރޭ ވަނީ ރާއްޖެ އައިސްފައެވެ.

އެ ހާދިސާގައި މަރުވި ހުސައިން ވަހީދަކީ އިއްބެގެ ބޮޑުބޭބެއެވެ. ހުސައިން ވަހީދަކީ ނޮޅިވަރަމްފަރު ސްކޫލުގައި އެންމެ ދުވަސްވީ އެއް ޓީޗަރެވެ.

އެ ހާދިސާގައި ހުސައިން ވަހީދުގެ އިތުރުން ދެން މަރުވެފައިވަނީ އޭނާގެ އަންހެނުން މަރިޔަމް މަނިކެ އަދި އެމީހުންގެ ހުރި ހަމައެކަނި އަންހެން ދަރި ކަމަށްވާ 30 އަހަރުގެ ގުރެއިޝާ އާއި ތިން އަހަރުގެ ކާފަދަރިއެވެ.

މަރުވި ތިންވަނަ އަންހެން މީހާއަކީ އެރަށު ސްކޫލު އެހެން ޓީޗަރެއްގެ އަންހެނުން ކަމަށްވާ އައިޝަތުއެވެ.