ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ކ. މާފުއްޓާއި ގދ. ރަތަފަންދޫގެ ކައުންސިލަރުންނާ ބައްދަލުކުރައްވައި އެ ދެ ރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތައް އޮޅުން ފިލުއްވައިފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި އެ ބައްދަލުކުރެއްވުންތަކުގައި ދެރަށުގެ ކައުންސިލަރުން ވަނީ ރަށުގެ ތަރައްގީއަށް ރާވާފައިވާ މަަސައްކަތްތައް ނައިބު ރައީސްއާ ހިއްސާ ކުރައްވައިފައެވެ. އަދި ރައްޔިތުންނަށް ދިވާމާ ދަތިތަކުގެ މައުލޫމާތާއި އެރަށްރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާ ބެހޭގޮތުން ވެސް މަޝްވަރާ ކުރެއްވިއެވެ.
މި ބައްދަލުވުމުގައި މާފުށީ ކައުންސިލަރުން އެންމެ ބޮޑަށް ފާހަގަކުރައްވާފައިވަނީ އެ ރަށުގެ ސިއްހީ ހިދުމަތުގެ ފެންވަރު މަތިކުރުމަށް ކުރަންހުރި ކަންކަމެވެ. އޭގެ އިތުރުން ސްކޫލުގެ ޖާގައިގެ ދަތިކަމާއި ރަށުގެ ބަނދަރުގެ ޖާގައިގެ ދަތިކަމާހުރެ ކުރިމަތިވާ މައްސަލަތަކާއި ކުނި މެނޭޖްކުރުމުގައި ހުރި ކަންބޮޑުވުންތައް ކައުސިލަރުން ނައިބު ރައީސްއާ ހިއްސާ ކުރެއްވިއެވެ.
އަދި ރަށުގައި މިހާރު ކުރިއަށްގެންދާ ބައެއް ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީނު ޕްރޮގްރާމުތައް ހުއްޓާނުލައި ކުރިއަށް ގެންދެވޭނެ ގޮތްތަކާ ބެހޭގޮތުން ކައުންސިލަރުންނާއި ނައިބް ރައީސް ވަނީ މިއަދުގެ ބައްދަލުވުމުގައި މަޝްވަރާ ކުރައްވައިފައެވެ.
ރަތަފަންދޫ ކައުންސިލަރުން ވެސް ވަނީ އެރަށުގެ ސިއްހީ ހިދުމަތާއި އުމްރާނީ ތަރައްގީ އަދި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މުހިންމުކަން ނައިބު ރައީސްއަށް ދަންނަވައިފައެވެ.
ދެ ކައުންސިލާއެކު ބޭއްވެވި ބައްދަލުކުރެއްވުންތަކުގައި ނައިބު ރައީސް ފައިސަލް ދެއްކެވި ވާހަކަފުޅުގައި މާފުށީ ކައުންސިލަރުން އެދިވަޑައިގެންނެވި ކަންކަމާގުޅޭ މިނިސްޓްރީތަކާ މަޝްވަރާ ކުރައްވައިގެން އެކަންކަމަށް ހައްލެއް ހޯއްދަވައިދެއްވަން މަސައްކަތް ކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ. އަދި މާފުއްޓާއި ރަތަފަންދޫގެ ތަރައްގީއަށް ރާވާފައިވާ ބައެއް މަޝްރޫއުތަކުގެ ތަފްސީލުތައް ނައިބް ރައީސް ވަނީ ކައުންސިލުތަކާ ހިއްސާ ކުރައްވައިފައެވެ.