ޚަބަރު

މޫސުން ގޯސްވެ، މޯލްޑިވިއަން އިން ހަނިމާދޫއަށް ކުރާ ދަތުރުތައް ފަސްކޮށްފި

ފަތޯނާ ފާއިޒު

މިހާރު ރާއްޖޭގެ އެކި ހިސާބުތަކަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ގައުމީ އެއާލައިން މޯލްޑިވިއަންއިން ހދ.ހަނިމާދޫއަށް ކުރަން ހަމަޖެހިފައިވާ ދަތުރުތައް ފަސްކޮށްފިއެވެ.

މޯލްޑިވިއަން އިން ބުނީ އެ އެއާލައިނުން ހަނިމާދޫއަށް ކުރާ ދަތުރުތައް ފެށުނުހާ އަވަހަކަށް ކަސްޓަމަރުންނަށް އެކަން އަންގަމުން ގެންދާނެ ކަމަށެވެ.

މޯލްޑިވިއަންއިން ހަނިމާދޫއަށް ކުރާ ދަތުރުތައް ފަސްކޮށްފައިވާއިރު، މިއަދު ހެނދުނުގެ ވަގުތެއްގައި ހދ.ނޮޅިވަރަމްފަރުން ފުރައިގެން އެރަށަށް ދަތުރު ކުރަމުން ދިޔަ ލޯންޗެއް އަޑިއަށް ގޮސް، ފަސް މީހުން ވަނީ މަރުވެފައެވެ. އެ ލޯންޗުން 10 މީހުން ދަތުރު ކުރިއެވެ. މަރުވި މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ހަތަރު މީހުން ހިމެނެއެވެ.

އެ ހާދިސާއާ ގުޅިގެން ގައުމީ ދިފާއީ ބާރާ، ފުލުހުން ވަނީ ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ނޫނީ ދަތުރު ނުކުރުމަށް ނަސޭހަތްތެރިވެފައެވެ.