ޚަބަރު

ރޭ ކަރަންޓު ކެނޑުނީ ވިއުގަޔަށް ދިމާވި މައްސަލައަކާ ގުޅިގެން: ސްޓެލްކޯ

މަރިޔަމް ޝަހުދާ

މާލެއިން ރޭ ކަރަންޓު ކެނޑުނީ ކަރަންޓު ވިއުގައަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.

ރޭ މެންދަމުން އަލިވެ 3:15 ގައި މާލޭގެ ބޮޑު ސަރަހައްދަކުން ކަރަންޓް ކެނޑުނުއިރު، ކަރަންޓް ދޭން ފެށީ އޭގެ ގަޑިއިރެއް ފަހުންނެވެ.

ގައުމީ ކަރަންޓް ކުންފުނި، ސްޓެލްކޯ އިން މިއަދު ބުނީ، މާލެއިން ރޭ ކަރަންޓު ކަނޑައިގެން ދިއުމާއެކު އަނބުރާ ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް ވަގުތުން މަސައްކަތްކުރި ކަމަށާއި އެގޮތުން ބައެއް ހިސާބުތަކަށް ރޭ 3:55 ހާއިރު ކަރަންޓް ހިދުމަތް ފޯރުކޮށްދެވުނު ކަމަށެވެ.

އަދި ދިމާވި މައްސަލަ ހައްލުކޮށް މާލޭގެ ހުރިހާ ސަރަހައްދަށް މިއަދު ހެނދުނު 6:00 ގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެވުނު ކަމަށް ސްޓެލްކޯއިން ބުނެއެވެ.

އެ ކުންފުނިން އިތުރަށް ބުނީ، ރޭގެ ހާދިސާ މިހާރު އިތުރަށް ބަލަމުން އަންނަ ކަމަށެވެ. އަދި ކަރަންޓުގެ ހިދުމަތް މެދުކެނޑުމުން ކަސްޓަމަރުންނަށް ދިމާވި ދަތިތަކަށް އެ ކުންފުނިން ވަނީ މައާފަށް އެދިފައެވެ.