ޚަބަރު

ދަތުރުވެރިންގެ ރައްކާތެރިކަމަށް ހެދިފައިވާ ގާނޫނުތަކަށް ބޯލެނބުމަށް ފުލުހުން އިލްތިމާސްކޮށްފި

ފަތޯނާ ފާއިޒު

ކަނޑުދަތުރު ކުރާ ފަރާތްތަކުގެ ރައްކާތެރިކަމަށްޓަކައި ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތަކަށް ފުރިހަމައަށް ބޯލެނބުމަށް ފުލުހުން އިލްތިމާސް ކުރައްވައިފިއެވެ.

ފުލުހުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ސަލާމަތީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރެވިފައިވޭތޯ ޔަގީންކުރުމަށް، ވަކިން ހާއްސަކޮށް މުދާ އުފުލާ އުޅަނދުތައް ބަރުކުރުމުގައި ހުއްދަ ދީފައިވާ މިންގަނޑަށްވުރެ ބަރު ނުކުރުމަށާއި ފަސިންޖަރުން އުފުލާ އުޅަނދުފަހަރުގައި ސަލާމަތީ އާލާތްތައް ފަސޭހައިން އަތުޖެހޭ ގޮތަށް ބެހެއްޓުމަށް އިލްތިމާސްކުރާ ކަމަށެވެ.

އަދި މުވާސަލާތު ކުރުމަށް ބޭނުންކުރާ ސެޓްފަދަ ތަކެތި ރަނގަޅަށް މަސައްކަތްކުރޭތޯ ޔަގީންކުރުމަށްފަހު ނޫނީ ދަތުރު ނުފެށުމަށާއި ކަނޑުގަދަ ކަމުގައިވާނަމަ ދަތުރު ނުކުރުމަށާއި ދަތުރުކުރާނަމަ، ލައިފް ޖެކެޓު އަޅައިގެން ދަތުރު ކުރުމަށް ވެސް ފުލުހުންގެ ބަޔާނުގައި ވަނީ އިލްތިމާސް ކުރައްވައިފައެވެ.

ފުލުހުން އިތުރަށް ބުނީ، މޫސުމަށް އަންނަ ބަދަލާއެކު ފަޅުތެރޭގެ އޮޔަށް ބަދަލު އައިސް ދިމާވާ ހާދިސާތަކުގެ ސަބަބުން، ފަޅުގައި އަޅާފައި އޮންނަ އުޅަނދު ފަހަރަށް މީގެ ކުރިން ވެސް ގެއްލުންތައް ލިބިފައިވާ ކަމަށެވެ. އެހެންކަމުން އުޅަނދު ފަހަރު އެޅުމުގައި ރައްކާތެރިކަން ކަށަވަރުކުރުމަށާއި ނަގިލި ކަހާލުމާއި ދިޔަވުން ފަދަ ކަމެއް ދިމާވެދާނެ ކަމަށްޓަކައި ސަމާލުވެ، ރަނގަޅަށް ބެލެހެއްޓުމަށް ވެސް ފުލުހުން އެދިފައިވެއެވެ.

ކަނޑުދަތުރު ކުރާ ފަރާތްތަކުން ގާނޫނުތަކަށް ބޯލެނބުމަށް ފުލުހުން އިލްތިމާސް ކޮށްފައިވާ އިރު، މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ، ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްސާރަކޮށް ވައިގަދަވާނެ ކަމަށް ލަފާކޮށްފައެވެ. އެހެންކަމުން ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެ އިދާރާއިން އެދެއެވެ.