މިއަދު ހަނިމާދޫ ކައިރިން ލޯންޗެއް ބަންޑުން ޖަހާލައި ފަސް މީހުން ނިޔާވި ހަބަރު އެހީ ފުންހިތާމައާއެކު ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
"އެބޭފުޅުންގެ އާއިލާތަކަށް އަޅުގަނޑުގެ ހިތުގެއަޑިން ތައުޒިޔާ ދަންނަވަން. މާތްﷲ މަރްހޫމުންނަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވައި އާއިލާތަކަށް ކެތްތެރިކަން ދެއްވާށި" ރައީސް ސޯލިހު ކުރެއްވި ޓްވީޓްގައި ވަނީ ވިދާޅުވިއެވެ.
ރައީސް ސޯލިހުގެ އިތުރުން ސަރުކާރުގެ އިސްވެރިންނާ، ސިޔާސީ ޕާޓީތަކުގެ އިސް ބޭފުޅުންވެސް ގެންދަނީ މިއަދުގެ ހާދިސާގައި ނިޔާވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ވިދާޅުވަމުންނެވެ. އެގޮތުން ނައިބު ރައީސް ފައިސަލް ނަސީމް ވަނީ މިއަދުގެ ހާދިސާގައި ނިޔާވި މީހުންގެ އާއިލާތަކަށް ކެތްތެރިކަން ދެއްވުން އެދި ދުއާ ކުރައްވާފައެވެ.
ހދ. ނޮޅިވަރަމްފަރުން ފުރައިގެން އެއަތޮޅު ހަނިމާދޫއަށް އަށް 10 މީހުންނާ އެކު ދަތުރުކުރި ލޯންޗު ބަންޑުންޖަހާލި ހާދިސާގައި ފަސް މީހުން ނިޔާވިއިރު އޭގެ ތެރޭގައި އެއް އާއިލާއެއްގެ ހަތަރު މީހުން ހިމެނެއެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި ހާދިސާގައި ނިޔާވެފައިވަނީ އެރަށު ސްކޫލުގައި އެންމެ ދުވަސްވީ އެއް ޓީޗަރު ކަމަށްވާ ހުސެއިން އަބްދުﷲ އާއި އޭނާގެ އަންހެނުން މަރިޔަމް މަނިކެ އަދި އެމީހުންގެ ހުރި ހަމައެކަނި އަންހެން ދަރި ކަމަށްވާ 30 އަހަރުގެ ގުރެއިޝާ އާއި ތިން އަހަރުގެ ކާފަދަރިއެވެ. މި އާއިލާއަކީ ނޮޅިވަރަންފަރު އުނިމާގެއަށް ނިސްބަތްވާ އާއިލާއެކެވެ.
މަރުވި ތިންވަނަ އަންހެން މީހާ އަކީ އެރަށު ސްކޫލު އެހެން ޓީޗަރެއްގެ އަންހެނުން ކަމަށްވާ އައިޝަތުއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި 23 ފޫޓުގެ އެ ކުޑަ ލޯންޗު ހަނިމާދޫއަށް ފުރިއިރުވެސް ވަރަށް ވިއްސާރައެވެ. އަދި މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ އެސަރަހައްދަށް ޔެލޯ އެލާޓުވެސް ނެރެފައެވެ.