ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީ އަށް ޔެލޯ އެލާޓް ނެރެފިއެވެ.
މި ސަރަހައްދަށް ޔެލޯ އެލާޓް ނެރެފައިވަނީ 15:00 އިން 18:00 އަށް ކަމަށާއި މި ވަގުތުގައި ގަޑިއަކު 45 މޭލަށް މި ސަރަހައްދުގައި ވައި ގަދަވާނެ ކަމަށް ލަފާ ކުރެވޭކަމަށް މެޓް އޮފީހުން ބުންޏެވެ. އަދި މި ސަރަހައްދަށް މި ވަގުތުގައި ބޯކޮށް ވާރޭ ވެހޭނެ ކަމަށް މެޓް އޮފީހުން މައުލޫމާތު ދެއެވެ.
މީގެ ކުރިން މިއަދު ހެނދުނު 6:10 އިން 10:30 އަށް މެޓް އޮފީހުން ވަނީ ގއ އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ޔެލޯ އެލާޓް ނެރެފައެވެ. އަދި އިތުރު ދެ ސަރަހައްދަކަށްވެސް މިއަދު ވަނީ ޔެލޯ އެލާޓް ނެރެފައެވެ. އެއީ ހެނދުނު 8:00 އިން 11:00 އާއި ދެމެދު ހއ އަތޮޅުން އދ އަތޮޅަށް އަދި 11:30 އިން 14:30 އަށް ހއ އަތޮޅުން ރ އަތޮޅާއި ދެމެދަށެވެ.
މެޓް އޮފީހުން މޫސުމާ ގުޅޭ އެލާޓް ނެރެނީ ހަތަރު ލެވެލްއަކަށެވެ. އެއީ ވައިޓް އެލާޓް، ޔެލޯ އެލާޓް، ރެޑް އެލާޓް އަދި ގްރީން އެލާޓް އެވެ.
ވައިޓް އެލާޓަކީ މޫސުން ގޯސްވުމުގެ ސަބަބުން ނުރައްކަލެއް ކުރިމަތިނުވި ކަމުގައި ވިޔަސް، މޫސުން ގޯސްވާކަން އެންގުމުގެ ގޮތުން ނެރޭ އެލާޓެކެވެ.
ޔެލޯ އެލާޓް އަކީ މޫސުން ގޯސްވުމުގެ ސަބަބުން ގެއްލުމެއް ވެދާނެކަމަށް ތައްޔާރުވުމަށް ލަފާދީ ނެރޭ އެލާޓެކެވެ. ޔެލޯ އެލާޓް ނެރެފައިވަނިކޮށް ކަނޑުދަތުރު ކުރުމަކީ ރަނގަޅު ކަމެއް ނޫނެވެ.
ރެޑް އެލާޓް ނެރުމާއެކު އެ ސަރަހައްދަކުން ވީ އެންމެ އަވަހަކަށް ރައްކާތެރި ސަރަހައްދުތަކަށް މީހުން ގެންދަން ޖެހެއެވެ. އަދި ރެޑް އެލާޓް ނެރެފައި އޮއްވައި ކަނޑު ދަތުރު ކުރުމަކީ މަނާ ކަމެކެވެ.
ގްރީން އެލާޓަކީ މޫސުން ރަނގަޅުވުމުން ކުރިން ނެރުނު އެހެން އެލާޓްތައް ކެންސަލް ކުރަން ނެރޭ އެލާޓެކެވެ.