ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުއްގަފޫރު ޖަލު ބަންދުގައި ހުންނަވަނިކޮށް ޓެގް އަޅުވައި، ގޭ ބަންދަށް ބަދަލު ކުރީ ސުޕްރީމް ކޯޓުގެ އަމުރާ ހިލާފަށް ކަމަށް ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް އަހްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
"ވަން"އާ ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ އަދީބުގެ މައްޗަށް ހިޔާނާތުގެ ބޮޑެތި ތުހުމަތުތަކެއް ކުރެވޭއިރު، އެ މައްސަލައިގެ ތަހުގީގު ނިމެންދެން، ސުޕްރީމް ކޯޓުން ވަކި އެއްޗެއް އަންގަންގެން ރިމާންޑް ޖަލެއްގައި އެމަނިކުފާނު ބަހައްޓަން އަމުރު ކޮށްފައިވަނިކޮށް، ވެއްޓި އަނިޔާ ވެގެން އަދީބަށް ފަރުވާ ކުރުމަށް އައިޖީއެމްއެޗަށް ގެންދިޔުމަށްފަހު، އެމަނިކުފާނު ގޭބަންދަށް ބަދަލު ކުރީ ކޮން އުސޫލަކުން ކަމާމެދު ސުވާލު އުފެދޭ ކަމަށެވެ.
"އެކަމުގައި ސުވާލު އުފެދޭ ކަންކަން އެބަހުރި" މުއިއްޒު ވިދާޅުވިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އަދީބު ގޭ ބަންދަށް ބަދަލު ކުރީ ރޭގެ ވަގުތެއްގަ އެވެ.
މީގެ ކުރިންވެސް ގޭބަންދަށް ބަދަލުކޮށްފައި ހުންނަވައިނިކޮށް "ވާގޯ9" ކިޔާ ޓަގު ބޯޓެއްގައި، ފިއްލަވައިގެން އިންޑިއާއަށް އެތެރެވާން އުޅުއްވަނިކޮށް ހައްޔަރު ކޮށްގެން އަދީބު މާލެ ގެނައީ މިމަހުގެ ހަތަރުވަނަ ދުވަހުއެވެ.
އެއަށްފަހު އަދީބުގެ މައްޗަށް ކުރެވޭ ހިޔާނާތުގެ މައްސަލައިގެ ތަހުގީގު ނިމެންދެން މާފުށީ ޖަލުގައި ބަންދުކޮށްފައި ވަނިކޮށް ޖަލު ގޮޅީގެ ފާހާނާ ތެރެއަށް ވެއްޓިވަޑައިގަތުމުން ލިބުނު އަނިޔާއަށް ފަރުވާ ދިނުމަށް އަދީބު އެޑްމިޓް ކުރީ އައިޖީއެމްއެޗުގައެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑްރިންގެ މައްސަލައިގައި ދާދިފަހުން އަދީބު ވަނީ ހެކިބަސް ދެއްވައިފައެވެ.