ޚަބަރު

ބުރިޖުގެ އެނުއަލް އިންސްޕެކްޝަން ހެދުމަށް ތިން ދުވަހެއްގައި މާލެއިން ހުޅުލެއަށްދާ ދެލޭން ބަންދުކުރަނީ

މަރިޔަމް ޝަހުދާ

ސިނަމާލޭ ބުރިޖު ބޭނުން ކުރާތާ އެއް އަހަރުވުމާއި ގުޅިގެން ބުރިޖުގެ އެނުއަލް އިންސްޕެކްޝަން ހެދުމަށް ބައެއް ލޭނުތައް ބަންދުކޮށް، ބައެއް ލޭނުތައް ވަގުތީ ގޮތުން ދެކޮޅަށް ދުއްވާގޮތަށް ވަކި ގަޑިތަކެއްގައި ބަދަލު ކުރާނެ ކަމަށް ޓްރާންސް ޕޯޓު އޮތޯރިޓީ އިން ބުނެފިއެވެ.

ޓްރާސްޕޯޓު އޮތޯރިޓީ އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ތިން ދުވަހެއްގެ ވަކި ގަޑިތަކެއްގައި މާލެއިން ހުޅުލެއަށް ދާ ދެ ލޭން ބަންދު ކުރުމަށް ހަމަޖައްސާފައިވާކަމަށެވެ. އަދި މިގޮތަށް ބުރިޖުގެ ލޭނު ބަންދު ކުރެވޭ ވަގުތު ތަކުގައި ހުޅުލެއިން މާލެއަށް އަންނަ ލޭން ވަގުތީ ގޮތުން ދެކޮޅަށް ދުއްވާގޮތަށް ބަދަލުކޮށް ހުރިހާ އުޅަނދެއްވެސް އެ ލޭނުން ދަތުރު ކުރުމަށް ހަމަޖައްސާފައިވާ ކަމަށް އެ އޮތޯރިޓީ އިން ބުނެއެވެ.

އެގޮތުން މާލެއިން ހުޅުލެއަށް ދާ ދެ ލޭން ބަންދު ކުރުމަށް ހަމަޖައްސާފައިވަނީ މި ހުކުރު ހޮނިހިރުގެ އިތުރުން އަންނަ ހަފްތާގެ ހުކުރު ދުވަހުގައެވެ. އެއީ އޮގަސްޓް 30، އޮގަސްޓް 31 އަދި ސެޕްޓެމްބަރު ހައެކެވެ. މި ތިން ދުވަހުވެސް ބުރިޖުގެ ލޭނު ބަންދު ކުރުމަށް ހަމަޖައްސާފައިވަނީ ހެނދުނު އަށަކުން މެންދުފު ދޭކާއި ދެމެދު ކަމަށް ޓްރާންސްޕޯޓު އޮތޯރިޓީ އިން ބުނެއެވެ.

އެ އޮތޯރިޓީ އިން ވަނީ މި ބަދަލަށް އަމަލު ކުރާ ވަގުތު އެހިސާބުގައި ހަރަކާތްތެރިވާ ޓްރެފިކް ފުލުހުންގެ އިރުޝާދާއި އެއްގޮތަށް އަމަލު ކުރެއްވުމަށް އެދިވަޑައިގެންފައެވެ.

މާލެ ސިނަމާލެ ބުރިޖު ރަސްމީކޮށް ހުޅުވާފައިވަނީ މިދިޔަ އަހަރު އޮގަސްޓް މަހު 31 ގައެވެ.