ޕްރޮސިކިއުޓާ ޖެނެރަލް (ޕީގީ) އައިޝަތު ބިޝާމް ގާނުނާ ހިލާފަށް ގިނަ ކަންތައްތަކެއް ކުރައްވާފައިވާކަމަށް ވިދާޅުވެ، އޭނާ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގިނަ މެންބަރުންތަކެއް ގޮވާލައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ޕްރޮސެކިއުޓާ ޖެނެރަލްގެ ގާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ކެނދި ކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ ވިދާޅުވީ، ރައްޔިތުންގެ ތެރެއިން އެތައް ބައެއްގެ މައްޗަށް، ކޮށްގެން ނުވާނެ އެތައް ދައުވާތަކެއް ސިޔާސީ މަގުސަދުގައި ވޭތުވެދިޔަ ހަތް އަހަރުވަންދެން ޕްރޮސެކިއުޓާ ޖެނެރަލް ކުރައްވާފައިވާ ކަމަށެވެ.
އަދި ނުފޫޒުގެ ދަށުވެގެން ކަމަށްވިޔަސް މާލީ މަންފާތަކަކަށްޓަކައި ނަމަވެސް މިދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ޕީޖީ ވަނީ ގާނޫނާ ގިލާފް އެތައްކަމެއް ކުރައްވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
އީސަ ވިދާޅުވީ އެ ހުރިހާކަމެއް ހިނގާފައިވާއިރުވެސް ޕީޖީއާ ދޭތެރޭ މަޖިލީހުން ފިޔަވަޅު އަޅައި ޕީޖީ އެ މަގާމުން ވަކިކުރައްވާފައިނުވާ ލަދުގަންނަންޖެހޭ ކަމަށެވެ
އަދި ގާނޫނާ ހިލާފަށް ޕީޖީ ކުރައްވާފައިވާ ކަންތައްތަކާއި ޕީޖީގެ މުއައްޒިފުން ގާނޫނާ ހިލާފް ކަންތައްތަކުގައި ބައިވެރިވެފައިވާ މައްސަލަ ބަލައި އެ ފަރާތްތައް ޝަރީއަތުގެ ކުރިމައްޗަށް ގެންނަޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
އީސަ ވިދާޅުވީ، ވީ އެންމެ އަވަހަކަށް ޕީޖީ މަގާމުން ދުރުކޮށް މިނިވަން ކަމާއެކު އެ މުއައްސަސާ ހިންގައިދޭނެ އިހުލާސްތެރި ތެދުވެރިއަކު އެމަގާމަށް މަތި ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ގޮވައިލައްވާ ކަމަށެވެ.
ޕީޖީގެ މަގާމަށް ބިޝާމް އައްޔަން ކުރެއްވީ ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމެވެ.
މި ބިލަށް ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރު ވިދާޅުވީ، ބިޝާމް އަކީ އެކަަމަށް ކުފޫ ހަމަވާ ބޭފުޅެއް ނޫން ކަމަށް ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމަށް ތަކުރާރުކޮށް ދެނެވި ކަމަށެވެ.
އަދި ވިދާޅުވީ ޕީޖީ ކަމުގެ މަގާމުގައި ހުންނަވައިގެން ބިޝާމް މަސައްކަތް ކުރެއްވީ ރައީސް ޔާމީން ވިދާޅުވިހާ ގޮތަކަށް ކަމަށެވެ
އަދި ކަނޑައެޅިގެން ވަކިބަޔަކަށް ސީދާ އަމާޒުކޮށް ސިޔާސީގޮތުން ހައްޔަރުކޮށް އެމީހުންގެ މައްޗަށް ޕްރޮސިކިއުޓްކޮށްފައިވާ ބޭފުޅަކު އެންމެ މިނެޓަކަށްވެސް ޕީޖީ އޮފީހުގައި އިނދެގެންނުވާނެ ކަމަށް ޖާބިރު ވިދާޅުވިއެވެ.
ޖާބިރު ވިދާޅުވީ، ގާނުނާ ހިލާފް އެތައް ކަމެއް ކުރައްވާފައިވާ ބޭފުޅަކު މަގާމުން މަކި ނުކުރެވި މިހާ ގިނަދުވަސް ވާންޖެހޭ ސަބަބު ވިސްނިވަޑައިނުގަންނަވާ ކަމަށާއި، ބިޝާމް މަގާމުން ވަކިކޮށް އެ މަގާމަށް އާ ބޭފުލަކު އައްތަންކުރަންޖެހޭ ކަމަށެވެ.
ޖާބިރު ވަނީ ޕީޖީ ކަމުގެ މަގާމުން އިސްތިއިފާ ދެއްވުމަށްފަހު، ރައްޔިތުންގެ ކިބައިން މައާފަށް އެދި ވަޑައިގެންނެވުމަށް ޕީޖީ ބިޝާމްއަށް ގޮވާލައްވައިފައެވެ.