ޚަބަރު

ޓެގް އަޅުވައި، އަދީބު ގޭ ބަންދަށް ބަދަލުކޮށްފި

ފަތޯނާ ފާއިޒު

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުއްގަފޫރު ޖަލުބަންދުގައި ހުންނަވަނިކޮށް، ލިބިވަޑައިގަތް އަނިޔާއަކަށް ފަރުވާ ދިނުމަށް، ދުވަސްތަކެއް ވަންދެން ހޮސްޕިޓަލުގައި ބޭއްވުމަށްފަހު ޓެގު އަޅުގައި ގޭބަންދަށް ބަދަލުކޮށްފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ވަނީ އަދީބު ގޭ ބަންދަށް ބަދަލު ކުރިކަން ކަށަވަރުކޮށްދީފައެވެ. އެހެންނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް ނުދެއްވައެވެ. ޓެގު އެޅުވުމުން، އަދީބު އުޅުއްވާ ގޮތް ފުލުހުންނަށް ބެލޭނެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަދީބު ގޭ ބަންދަށް ބަދަލު ކުރީ ރޭގެ ވަގުތެއްގަ އެވެ.

މީގެ ކުރިންވެސް ގޭބަންދަށް ބަދަލުކޮށްފައި ހުންނަވައިނިކޮށް "ވާގޯ9" ކިޔާ ޓަގު ބޯޓެއްގައި، ފިއްލަވައިގެން އިންޑިއާއަށް އެތެރެވާން އުޅުއްވަނިކޮށް ހައްޔަރު ކޮށްގެން އަދީބު މާލެ ގެނައީ މިމަހުގެ ހަތަރުވަނަ ދުވަހުއެވެ.

އެއަށްފަހު އަދީބުގެ މައްޗަށް ކުރެވޭ ހިޔާނާތުގެ މައްސަލައިގެ ތަހުގީގު ނިމެންދެން މާފުށީ ޖަލުގައި ބަންދުކޮށްގައި ވަނިކޮށް ޖަލު ގޮޅީގެ ފާހާނާ ތެރެއަށް ވެއްޓިވަޑައިގަތުމުން ލިބުނު އަނިޔާއަށް ފަރުވާ ދިނުމަށް އަދީބު އެޑްމިޓް ކުރީ އައިޖީއެމްއެޗުގައެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑްރިންގެ މައްސަލައިގައި ދާދިފަހުން އަދީބު ވަނީ ހެކިބަސް ދެއްވައިފައެވެ.

ހެކިބަސް ދެއްވަމުން އަދީބު ވަނީ ޔާމީންގެ އެންގެވުމަށް ގާނޫނާ ހިލާފަށް އެތައް ކަމެއް ކުރެއްވި ކަމަށް އިއުތިރާފު ވެވަޑައިގެންފައެވެ.