ޚަބަރު

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި

އަހުމަދު ޖައިޝަން

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފިއެވެ.

މިއަދު އެ ތަކެތި ނައްތާލާފައިވަނީ ދޫނިދޫގައެވެ.

ނައްތާލި މަސްތުވާތަކެތީގެ ތެރޭގައި 9.9 ކިލޯގްރާމްގެ ހެރޮއިން އާއި 4.0 ކިލޯގްރާމްގެ ކެނަބިސް ހިމެނެއެވެ.

ފުލުހުން ބުނީ ނައްތާލާފައިވާ މަސްތުވާތަކެއްޗަކީ ތަހުގީގު 201 މައްސަލައެއްގައި ހިމެނޭ 827 ރަބަރު ޕެކެޓާއި 290 ސެލޯފިންކޮޅާއި ފިލްމު ހުސްކުރި ނުވަ ދަޅުގެ އިތުރުން ބުލެޓް ސައިޒްގެ ރަބަރު ޕެކެޓަކާއި 20 ބިޑި އާއި އެހެނިހެން 152 އައިޓަމާއި ބޭހުގެ ގޮތުގައި ހިމެނޭ 389 ގްރާމުގެ ތަކެއްޗެވެ.

ފުލުހުން ބުނީ އެތަކެތި ނައްތާލާފައިވަނީ މަސްތުވާތަކެއްޗާ ބެހޭ މައްސަލަތަކުގައި ހެކީގެ ގޮތުގައި ހިފެހެއްޓޭ އެއްޗެއްސާ މެދު އަމަލުކުރާނެގޮތުގެ ގަވާއިދުގެ ދަށުން ޕްރޮސިކިއުޓާ ޖެނެރަލް އެކުލަވާލާ ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.