މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހާ އަޅާބަލާއިރު މިއަހަރުގެ އެ މުއްދަތުގެ ތެރޭގައި ދިވެހިރާއްޖޭގެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގައި ރަޖިސްޓްރީ ކުރި މައްސަލަތަކުގެ އަދަދު ދެ ގުނައަށްވުރެ މައްޗަށް އަރައިފިއެވެ.
އޭސީސީން އާންމުކުރި، މިދިޔަ އަހަރާއި މި އަހަރުގެ ދެވަނަ ކުއާޓަރުގައި އެ ކޮމިޝަންގައި ރަޖިސްޓްރީކުރި މައްސަލަތަކުގެ ތަފާސް ހިސާބުތައް ދައްކާގޮތުން، މިއަހަރުގެ ދެވަނަ ކުއާޓަރުގައި ޖުމްލަ 259 މައްސަލައެއް ވަނީ ރަޖިސްޓްރީ ކޮށްފައެވެ.
އެއީ މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރާ އަޅާބަލާއިރު 135 މައްސަލަ އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރުގައި އޭސީސީގައި ރަޖިސްތްރީކުރި ޖުމްލަ މައްސަލައިގެ އަދަދަކީ 124 އެވެ.
މީގެ އިތުރުން، މިދިޔަ އަހަރަށްވުރެ މިއަހަރުގެ ދެވަނަ ކުއާޓަރުގައި އޭސީސީން ބަލަން ނިންމި މައްސަލަތަކުގެ އަދަދު ވެސް ވަނީ އިތުރުވެފައެވެ.
އެގޮތުން މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރުގައި 110 މައްސަލައެއް ބަލަން ނިންމިއިރު، މިއަހަރުގެ އެ މުއްދަތުގައި އޭސީސީން ވަނީ 251 މައްސަލައެއް ބަލަން ނިންމައިފައެވެ.
އަދި ކޮމިޝަނަށް ހުށަހަޅާ ޝަކުވާތަކުގެ ތެރެއިން ކޮމިޝަންގެ މެންޑޭޓަށް ނުފެތޭ މައްސަލަތައް އެ މެންޑޭޓެއް އޮތް އިދާރާއަކަށް ފޮނުވާއިރު، މިއަހަރުގެ ދެވަނަ ކުއާޓަރުގެ ތެރޭގައި 18 މައްސަލައެއް ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް ފޮނުވި ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.
މިދިޔަ އަހަރުގެ އެ މުއްދަތުގައި ކޮމިޝަނުން އެހެނިހެން އިދާރާތަކަށް ފޮނުވާފައިވަނީ އަށް މައްސަލައެވެ.
މީގެއިތުރުން ކޮމިޝަނުގެ މެންޑޭޓަށް ނުފެތޭތީ އާއި އެކަށީގެންވާ ވަރަށް މައުލޫމާތު ލިބިފައިނުވާތީ 44 މައްސަލަ މިއަހަރުގެ ދެވަނަ ކުއާޓަރުގައި ނުބަލާ ދޫކޮށްލާފައިވާއިރު މިދިޔަ އަހަރުގެ އެ މުއްދަތުގައި 16 މައްސަލަ ނުބަލާ ދޫކޮށްލިކަން އޭސީސީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.