ޚަބަރު

ހަތެއް ފެބްއަރީގައި ހިނގިފަދަ ކަމެއް ހިނގިޔަ ނުދޭން ސްޓްރެޓެޖިކް ޕްލޭނެއް

އިބްރާހިމް ޒަކީ

ހަތެއް ފެބްއަރީ 2012 ގައި ހިނގައިދިޔަ ފަދަ ކަމެއް ހިނގިޔަ ނުދިނުމަށް، ފަސް އަހަރު ދުވަހުގެ ސްޓްރެޓެޖިކް ޕްލޭނެއް އެކުލަވާލެވިފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ ވިދާޅުވެއްޖެއެވެ.

ދެހާސް ބާރަވަނަ އަހަރު، އޭރުުގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ރައީސުލް ޖުމްހޫރިއްޔާކަމުގެ މަގާމުން އިސްތިއުފާ ދެއްވި، ހާދިސާގައި ފުލުހުންގެ ތެރޭގައި ހިންގައިދިޔަ ކަންތައްތައް ފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް ގެނެވިފައިވާ ބަދަލުތަކާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރު ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ އާ މިއަދު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ، ފުލުހުންނަކީ އަހުލާގީގޮތުން ރަނގަޅު، އޯޑަރަށް ކިޔަމަންވާ ބަޔަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

އެ މަސައްކަތާއެކު ރައްޔިތުންގެ ފުރިހަމަ އިތުބާރާއި އިހްތިރާމާއި ލޯބި ލިބޭފަދަ މަސައްކަތަކަށް ފުލުންގެ މަސައްކަތް ހެދުމަކީ، ފުލުހުންގެ އެންމެ މައިގަނޑު އެއް އަސާސްކަމަސް ބަލައިގެން ފަސް އަހަރު ދުވަހުގެ ސްޓްރެޓެޖިކް ޕްލޭން އެކުލަވާލާފައިވާ ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، އެ ސްޓްރެޓެޖިކް ޕްލޭން އިމްޕްލިމެންޓް ކުރަން ބޭނުންވާ އެކްޝަން ޕްލޭން ފައިނަލް ކުރުމުގެ މަގުމަތީގައި ވާކަމަށެވެ.

އަދި ފުލުހުންގެ މުއައްސަސާއަކީ ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ނަގަހައްޓައި ރައްޔިތުންނަށް ބޭނުންވާ ފުރިހަމަ ހިމާޔަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދޭނެ މުއައްސަސާއެއްގެ ގޮތުގައި ފުލުހުންގެ މުއައްސަސާ ކުރިއަށް ގެންދެވޭނެ އިތުބާރު އެބައޮތް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.