ޒުވާނުން ކުށުގެ ވެށިން ދުރުކުރުމަށްޓަކައި އެމީހުންގެ އަޑު އެހުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް ރީޖަނަލް އެލަޔަންސް ފޯ ފޮސްޓަރިން ޔޫތު (ރަފީ)ގެ ރައީސް އައިޝަތު ރަފިއްޔާ ވިދާޅުވެއްޖެއެވެ.
ގްލޯބަލް ޔޫތު ޕީސް އެމްބަސަޑަރސް ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރަފީ ވަނީ ޒުވާނުން ބާރުވެރި ކުރުވުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން ޒުވާނުންނަށް ފުރުސަތު ދީ، ޒުވާނުން ބޭނުންވާ ކަންކަން ދެނެގަތުމަކީ މާރާމާރީ ހިންގުން ފަދަ ކުށްތައް މަދު ކުރުމަށްޓަކައި މުހިންމު ކަމެއް ކަމަށް ވިދާޅުވިއެވެ.
ރަފީ ވިދާޅުވީ ޒުވާނުންގެ ބޭނުންތައް ނުފުއްދި ހުރުމުން، އެމީހުންގެ ހިތުގައި ރުޅިވެރިކަން އުފެދި، ބަދަލު ހިފުމުގެ ރޫހު އަށަގަންނަ ކަމަަށާ، ޒުވާނުން މާރާާރީ ފަދަ ކުށްތައް ކުރަނީ އެފަދަ ކަންކަމުގެ ސަބަބުން ކަމަށެވެ.
ރަފީ ވަނީ ޒުވާނުން ކުށުން ދުރު ކުރުމަށްޓަކައި އެފަރާތްތަކަކީ ނަފްސާނީ ގޮތުން ދުޅަހެޔޮ ބަޔަކަށް ހެދުމަކީ މުހިންމު ކަމެއްގެ ގޮތުގައި ފާހަގަ ކުރައްވާފައެވެ. އެގޮތުން ހިތާމައެއް ތަހައްމަލު ކުރަމުންދާ ނަފްސަކަށް އަޅާލައި، ލޯބި ދިނުމަކީ މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ގްލޯބަލް ޔޫތު ޕީސް އެމްބަސަޑަރސް ޕްރޮގްރާމް(ޖީ.ވައި.ޕީ.އޭ) ޓްރެއިނިން ޕްރޮގްރާމް އަކީ ރަފީއާ ޔޫތު މިނިސްޓްރީން ގުޅިގެން، ބައިނަލްއަގްވާމީ ފެންވަރުގައި ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. ގްލޯބަލް ޔޫތު ޕީސް ޕްރޮގްރާމް ކުރިއަށްދާނީ މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ.
ވަން އޮންލައިނަކީ މި ޕްރޮގްރާމުގެ އޮންލައިން މީޑިއާ ޕާޓްނަރެވެ.