އިބްރާހިމް ޒަކީ
ބްރޯޑްކާސްޓިން ކޮމިޝަނުގެ ރައީސް މުހައްމަދު ޝަހީބު އާއި ނައިބު ރައީސް ފާތިމަތު ޒައިނާ ކޮމިޝަނުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއިން ނިންމި އިޖުރާއަތްތަކާބެހޭގޮތުން ކަންބޮޑެވެ ވަޑައިގަންނަވާ ކަމަށާއި، އެ މައްސަލަ މަޖިލީހުގެ ތަޅުމަށް ނުގެނެސްވަނީ އެކަމުގެ ސަބަބުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައިސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ރިޔާސަތުން މެންބަރުންނަށް އަންގަންޖެހޭ ކަމެއްގެ ގޮތުގައި އެކަން އަންގަވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ދެ ބޭފުޅަކު މަގާމުން ވަކި ކުރުމަށް، މިނިވަން މުއައްސަސާތަކުގެ ކޮމިޓީންނިންމައި އެކަމާބެހޭ ރިޕޯޓް މަޖިލީހުގެ އިދާރާއަށް ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް އެމައްސަލަ މަޖިލީހުގެ ތަޅުމަށް ބުގެންނައިވައި މަޑު ކުރެއްވީ އެކަން ހިނގައިދިޔަ ގޮތުގެ އިޖުރާއަތްތަކާމެދު ކަނބޮޑުވެ ވަަޑައިގެން އެކަން އިތުރަށް ބެއްލެވުމަށް ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.
"މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ދެބޭފުޅަކު ވަކިކުރަން ނިންމެވި ގޮތާ ގުޅޭގޮތުން އަޅުގަނޑު ހަމަ ގައިމުވެއް އެކަން ހިނިގި އިޖުރާއަތާ ގުޅޭގޮތުން އަޅުގަނޑުގެ ކަންބޮޑުވުމެއް އޮތަތީ އަޅުގަނޑު އެކަން އިތުރަށް މަޑުކޮށް ބަލަން އެދުނީ،" މަޖިލިސް ރައީސް ވިދާޅުވިއެވެ.
ޝަހީބާއި ޒައިނާ ބްރޯޑްކޮމުން ވަކިކުރަން 19 ޖޫންގައި ވޭއްވި މިނިވަން މުއައްސަސާތަކުގެ ކޮމިޓިގެ ހަވަނަ ބައްދަލުވުމުން ފާސްކުރީ، އެ ދެބޭފުޅުން ކޮމިޓީއަށް ހާޒިރުކޮށް ކުރި ސުވާލުތަކަށް ދެއްވި ޖަވާބުތަކަށް ބަލައި ކުއްލި ކަމެއްގެ ގޮތުގައެވެ.
މި މައްސަލައާ ބެހޭގޮތުން ދެއްކެވި ވާހަކައިގައި، މިނިވަން މުއައްސަސާތަކުގެ މެންބަރުން ވަކި ކުރުމުގައި މާސާފުއިޖުރާއަތްތަކެއް އޭރު ނޯންނަން ފާހަގަ ކުރައްވައި މަޖިލިސް ރައީސް ވިދާޅުވީ، މުއައްސަސާތަކުގެ މެންބަރުން ވަކިކުރަން އޮންނަނީ، އެ ފަރާތްތައް ގާނުނީ ގޮތުން އަމަލު ކޮށްފައިވާގޮތް ބަލައި ކޮމިޓީއަށް ސާފުކޮށް ނަމެއް ފޮނުވުމުން އެ މައްސަލަ ކޮމިީން ބެލުމަށްފަހު އެ މެންބަރަކު ވަކިކުރަން ފާސްކުރާ ގޮތަށް ކަމަށެވެ.
އަދި އޭރަކީ މަޖިލީހުގެ ގަވާއިދު އިސްލާހު ކުރަމުންދިޔަ ވަގުތު ކަމަށާއި، މުއައްސަސާތަކުގެ މަގާމުގަިއ ތިއްބަވާ ބޭފުޅުން ވަކި ކުރުމުގެ އިޖުރާއަތްތަކެއް މިހާރު މަޖިލިސް ހިންގާ ގަވާއިދުުގައި ސާފުކޮށް ބަޔާން ކޮށްފައިވާ ކަމަަށްވެސް ނަޝީދު ވިދާޅުވިއެވެ.
މަޖިލިސް ރައީސް ވިދާޅުވީ، މިނިވަން މުއައްސަސާތަކުގެ ކޮމިޓީިން ނިންމާފަިވާގޮތަށް ޝަހީބާއި ޒައިނާ ވަކި ކުރުމުގެ މައްސަލަ މަޖިލީހުގެ ތަޅުމަށް ގެނާނީތޯ، ނުވަތަ މަޖިލީހުގެ ގަވާއިދުގައި މިހާރު ކަނޑައަޅާފަިއވާ އިޖުރާއަތްތަކުގެ ތެރެއިން އެކަން ކުރަން އަލުން އެ މައްސަލަ ކޮމިޓީއަށް ފޮނުވާނީތޯ، ދެން އޮންނަ މަޖިލިސް ޖަލްސާއަކަށް ނިންމަވާނެ ކަމަށެވެ. އަދި އެކަން ނިންމަވާނީ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާ މަޝްވަރާ ކުރެއްވުމަށްފަހުގައި ކަމަށްވެސް ވިދާޅުވިއެވެ.