ޚަބަރު

ކުރަމުން މިދާ ވިއްސާރައާ ގުޅިގެން ރައްކާތެރިވެތިބުމަށް އެންޑިއެމްއޭ އިން އިލްތިމާސްކުރައްވައިފި

އާނިފާ ހުސެއިން ސިރާޖް

ރާއްޖޭގެ ބޮޑު ބަޔަކަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން ރައްކާތެރިވެތިބުމަށް މޯލްޑިވްސް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް (އެންޑީއެމްއޭ) އިން އިލްތިމާސްކުރައްވައިފި އެވެ.

އެންޑީއެމްއޭ އިން މިއަދު ހެނދުނު ނެރުނު ނޫސްބަޔާނެއްގައި، މޫސުން ކުރިއަށް ލަފާކުރާގޮތުން ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ބޮޑުބަޔަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން މައުލޫމާތުދޭ ކަމަށާއި އެގޮތުން ވިލާގަނޑުގައި ގަޑިއަކު 45-50 މޭލާށް ވައިގަދަވާނެކަމަށް ވެސް އެފަރާތުން މައުލޫމާތުދޭތީ ފެންބޮޑުވުމާއި ގަދަ ވައިގެ ސަބަބުން ގޯތިގެދޮރާ މުދަލަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރިވެ ތިބުމަށް ސަމާލުވެ ތިބުމަށް އިލްތިމާސްކުރައްވާފައިވެއެވެ.

އެގޮތުން ސަލާމަތާއި ރައްކާތެރިވުމުގެ ގޮތުން ފިޔަވަޅުއެޅުމަށް، ވާރޭވެހި ފެންބޮޑުވެދާނެކަމަށް ތައްޔާރުވެ ތިބުމާއި، ގެއަށް ފެން ނުވަންނާނެހެން ރައްކާތެރި ފިޔަވަޅު އެޅުމުގެ ގޮތުން ގޭގެ ދޮރުމަތީގައި ވެލިބަސްތާ ފަދަ ތަކެތި ޖެއްސުމާއި، ގޭތެރޭގައި ފެންބޮޑުވެއްޖެ ހިނދެއްގައި ގެއްލުންވާނެ މުދާ ފެން ނުޖެހޭ އުސް ތަންތަނަށް ބަދަލުކުރުމާއި އުސްތަންތަނަށް ބަދަލު ނުކުރެވޭ ތަކެތި ފެނުގެ އަސަރު ނުފޯރާ ހިސާބަކަށް ބަދަލުކުރުމާއި، ގަދަ ވައިގެ ސަބަބުން ގޭގެ ފުރާޅު އެއްލާލައިފާނެ ކަމަށް ލަފާކުރެވޭނަމަ ކުރިޔާލާ ވައު ފަދަ އެއްޗެއް ބޭނުންކޮށްގެން ފުރާޅު އެއްލާ ނުލާފަދަ ގޮތަކަށް ހައްޔަރުކުރުމާއި، ގަދަ ވައިގެ ސަބަބުން އެއްލާލައިފާނެ ތަކެތި ބަނދެ ރައްކާތެރިކުރުމާއި، ބޭނުން ނުކުރާ ނަމަ ކަރަންޓުން ބޭނުން ކުރާ ތަކެތި ނިއްވާލާފައި ބެހެއްޓުމާއި، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރުކުރުމަށް ސަމާލުވެ ދަތުރަށް ނިކުންނައިރު ސަލާމަތީ ކަންކަމާއި މުއާސަލާތީ ނިޒާމު ފުރިހަމަކުރުން ފަދަ ކަންކަމަށް ސަމާލުވުމަށް އެންޑީއެމްއޭ އިން އިލްތިމާސްކުރައްވައެވެ.

އެގޮތުން މި ކަންކަމަށް ރަށު ފެންވަރުގައި ރައްޔިތުން ހާއްސަ ސަމާލުކަމެއް ދެއްވުމަށްވެސް އެންޑީއެމްއޭ އިން ވަނީ އިލްތިމާސްކުރައްވާފައެވެ.