ފެބްރުއަރީ ހަތަކާ ގުޅިގެން އެޅި ފިޔަވަޅުތަކާ ގުޅޭގޮތުން ސުވާލުކުރުމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މަޖިލީހަށް ހާޒިރުކުރުމަށް އަލުން އެޖެންޑާކޮށްފިއެވެ.
ފެބްރުއަރީ ހަތެއް، 2012 ގައި ހިނގި ފަދަ ހާދިސާއެއް ތަކުރާރުވިޔަ ނުދިނުމަށް އަޅާފައިވާ ފިޔަވަޅުތަކާ ގުޅޭގޮތުން ސުވާލުކުރުމަށް އިމްރާން މަޖިލީހަށް ހާޒިރުކުރަން ހުށަހަޅުއްވާފައިވަނީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރެވެ.
ކުރިން މިނިސްޓަރު އިމްރާން ހޯމަ ދުވަހު މަޖިލީހަށް ހާޒިރު ވުމަށް ތާވަލް ކުރެވިފައިވީ ނަމަވެސް ހައްޖު ރޯގާއާ ގުޅިގެން މިނިސްޓަރު އިމްރާން ވަނީ މަޖިލީހަށް ހާޒިރުވުމަށް އުޒުރުވެރިވެ، މަޖިލީހަށް ހާޒިރުވެވެން ނެތްކަން މަޖިލީހުގެ ރައީސްއަށް އަންގަވައިފައެވެ. މާދަމާ ހެނދުނުގެ ޖަލްސާއަށް އިމްރާން ހާޒިރުކުރުމަށް އަލުން ވަނީ އެޖެންޑާކޮށްފައެވެ.
މިނިސްޓަރު އިމްރާނާ ކުރައްވަން ޖާބިރު މަޖިލީހަށް ފޮނުއްވާފައިވާ ސުވާލުގައި ވިދާޅުވެފައި ވަނީ، ހައެއް ފެބްރުއަރީ 2012 ވަނަ ދުވަހުގެ ރޭ ޣައިރު ގާނޫނީ އަމުރު ކުރާ ކަމަށްބުނެ ފުލުހުންގެ ވެރިންނަށް ކިޔަމަންނުވި ފުލުހުންތަކެއްގެ މައްސަލަ ހައްލުނުވެ، ހަތެއް ފެބްރުއަރީ 2012 ގައި ހިިނގައިދިޔަ ހަމަނުޖެހުުންތަކުގެ ސަބަބުން އޭރުގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
އަދި އަށެއް ފެބްރުއަރީ 2012 ވަނަ ދުވަހު ރައްޔިތުންތަކެއް ނުކުމެ މާލެ އާއި ބައެއް ރަށްރަށުގެ ފުލުސް ސްޓޭޝަންތަކާއި ވެހިކަލްތަކާއި ކޯޓުތަކުގައި ވަނީ ހުޅު ޖަހައިފައެވެ.
ފުލުހުންގެ ތެރޭގައި މިފަދަ ކަމެއް އިތުރަށް ތަކުރާރުވިޔަ ނުދިނުމަށް ގެނަސްފައިވާ ބަދަލުތަކަކީ ކޮބައިތޯ އާއި ފުލުހުންގެ އިމާރާތްތަކުގެ ސަލާމަތަށް އަޅާފައިވާ ފިޔަވަޅުތަކަކީ ކޮބައިތޯ، މިނިސްޓަރާ ސުވާލު ކުރެއްވުމަށް ޖާބިރު ވަނީ ހުށަހަޅުއްވައިފައެވެ.