އިންސާފުން ގޮތް ނިންމާނަމަ އެތައް ކަމަކާ ކުރިމަތިލާން ޖެހޭކަން މިއަދު ޔަގީންވެއްޖެ ކަމަށް މިއަދު މަގާމުން ވަކި ކުރި ކުރީގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.
ދީދީ މިހެން ވިދާޅުވެފައިވަނީ މަގާމުން ވަކިކުރެއްވުމުން ނެރުނު ނޫސްބަޔާނެއްގައެވެ. މި ބަޔާނުގައި މިއަދަކީ ކަޅު ދުވަހެއް ކަމަށް ދީދީ ސިފަކުރެއްވި އެވެ. އަދި މިއަދު މަޖިލީހުން ނިންމި މި ނިންމުމުން ޔަގީންވީ އިންސާފުވެރިކަމާއެކު ފަނޑިޔާރަކު ގޮތް ނިންމުމަކީ އޭގެ ސަބަބުން އެ ފަނޑިޔާރަކަށް ކުރިމަތިލާން ބޭނުން ނުވާ އެތައް ކަމަކާ ކުރިމަތިލާން ޖެހޭ ކަމެއްކަމަށް ދީދީގެ ބަޔާނުގައި ވިދާޅުވިއެވެ.
''އެގޮތުން މިއަދު ޔަގީންވެގެން މިދިޔައީ ފަނޑިޔާރަކަށް ހުށަހެޅޭ މައްސަލައެއްގައި މީހެއްގެ ގިންތިއަކަށް، ފަންތިއަކަށް، މުޖުތަމައުގައި އެމީހެއްގެ ނުފޫޒު ހުރި މިންވަރަކަށް، އަދި އެމީހެއްގެ ވިސްނުން ހުރި ގޮތަކަށް ބެލުމެއް ނެތި ގޮތް ނިންމުމަކީ އޭގެ ސަބަބުން އެ ފަނޑިޔާރަކު ކުރިމަތިލާން ބޭނުންނުވާ އެތައް ކަމަކާ ކުރިމަތިކުރުވާ ކަމެއް،'' ދީދީގެ ބަޔާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން ރާއްޖެގައި އެންމެހާ ނުފޫޒުތަކުން އެއްކިބާވެގެން އުޅެވޭނެ ފަދަ ފަނޑިޔާރުގެއެއް ގާއިމުވުން މުހިއްމުވީ އޭނާއަށް ދިމާވި ފަދަ ކަމަކުން ފަނޑިޔާރުން ހިމާޔަތް ކުރުން ކަމަށް ދީދީގެ ބަޔާނުގައި ބުނެފައިވެއެވެ. އަދި މިއީ ރައްޔިތުންނަށް އަދުލު އިންސާފު ލިބުމަށް މުހިއްމު ކަމެއް ކަމަށް މި ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން އެއްވެސް އިރެއްގައި މަގާމުގެ ނުފޫޒު ބޭނުންކޮށް އެހެން މީހަކަށް އަދި އަމިއްލަ ނަފުސަށް ނުހައްގުން މަންފާއެއް ހޯދުމަށް މަސައްކަތެއް ނުކުރާކަމަށް ދީދީ ވިދާޅުވިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ދީދީ މަގާމުން ވަކިކޮށްފައިވަނީ ޖޭއެސްސީ އިން އޭނާގެ މައްސަލަ ބަލާ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ހުށަހެޅުމުން އެ މައްސަލަ ކޮމިޓީން ބެލުމަށް ފަހު މަޖިލީހު ތަޅުމަށް އެ މައްސަލަ ހުށަހަޅާ އެ މައްސަލަ ފާސްކުރުމާ ގުޅިގެންނެވެ.
މަޖިލީހުން ވަކިކުރި ފުރަތަމަ ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ ގޮތުގައި ދީދީ ވަކިކުރީ ޖަލްސާގައި ތިއްބެވި 75 މެންބަރުންގެ ތެރެއިން 72 މެންބަރުންގެ ވޯޓުންނެވެ.