ރާއްޖެއަށް ވަގަށް އެތެރެކުރި ކާރާއި ޕިކަޕާއި ގިނަ އަދަދެއްގެ ސައިކަލުތައް ހުރި ދެ ކޮންޓެއިނަރު ވަގަށް ބޭރުކޮށްފައިވާ ކަމަށް ބުނާ ވާހަކަތައް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ދޮގުކޮށްފިއެވެ.
ލަކުޑި އެތެރެކުރުމުގެ ނަމުގައި މިދިޔަ ހޮނިހިރު ދުވަހު ގެނެވުނު ދެ ކޮންޓެއިނަރެއްގައި ވެހިކަލްތަކެއް ރާއްޖެއަށް އެތެރެކުރިކަން ކަސްޓަމްސް އިން މީޑިއާތަކާ ހިއްސާކުރީ އިއްޔެއެވެ.
ކަސްޓަމްސް އިން ނެރުނު ބަޔާނެއްގައި ބުނީ، އެކަމުގެ މައުލޫމާތު ލިބުމުން ކަސްޓަމާއި ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މިހާތަނަށް ތިން ކާރާއި ދެ ޕިކަޕާއި ދެ ވޭނާއި 14 ސައިކަލު އަތުލައިގެންފައިވާ ކަމަށެވެ.
ނަމަވެސް އެ ދެ ކޮންޓެއިނަރުގެ މުދާ ބޭރުކޮށްފައިވަނީ ވަގަށް ކަމަށް ބުނެ ފަތުރަމުންދާ އަޑުތައް ދޮގުކޮށް އެމްޕީއެލް އިން ނެރުނު ބަޔާނެއްގައި ބުނީ، އެ ކޮންޓެއިނަރު ތަކަކީ މުދަލާއެކު ކޮންޓެއިނަރު ހުރިގޮތަށް ކޮންސައިނީގެ ސައިޓަށް ގެންގޮސް މުދާ ހުސްކުރާ ގޮތަށް ހަމަޖެހިފައިވާ ދެ ކޮންޓެއިނަރު ކަމަށެވެ.
އަދި ކޮންޓެއިނަރުތައް ދޫކުރުމުގައި އަމަލުކޮށްފައިވަނީ ކުންފުނީގެ މުދާ ދޫކުރުމުގެ ގަވައިދާ އެއްގޮތުގެ މަތީން ފުރިހަމަ ކުރަންޖެހޭ ހުރިހާ އިޖުރާއަތްތަކެއް ފުރިހަމަކުރުމަށްފަހު ކަމަށް ބުނެފައިވެއެވެ.
"މިހާތަނަށް ބެލިބެލުމުން މި ކަމުގައި މި ކުންފުނީގެ އެއްވެސް އިހްމާލެއް ނެތްކަމުގައި އެންމެހާ ފަރާތްތަކުގެ މައުލޫމާތަށްޓަކައި ދެންނެވީމެވެ،" އެމްޕީއެލްގެ ބަޔާނުގައި ބުނެފައިވެއެވެ.
އެ ބަޔާނުގައި އިތުރަށް ބުނީ، އެ މައްސަލައާ ގުޅިގެން ތަހުގީގީ އިދާރާތަކަށް ދޭންޖެހޭ އެއްބާރުލުން އެކުންފުނިން ދޭނެ ކަމަށެވެ.
ވަގަށް އެތެރެކުރި ވެހިކަލްތަކުގެ މައްސަލަ މިހާރު ބަލަމުން އަންނައިރު އެ މައްސަލާގައި ނެރުނު ބަޔާނުގައި ކަސްޓަމްސް އިން ބުނީ، އަތުލައިގަތް ވެހިކަލްތަކުގެ ޖުމްލަ ސީ.އެންޑް.އެފްގެ އަގު 586،000 ރުފިޔާއަށް އަންދާޒާ ކުރެވޭއިރު، އެތަކެތީގެ އިމްޕޯޓް ޑިއުޓީގެ ގޮތުގައި ދައުލަތަށް 558،000 ރުފިޔާ ލިބެންޖެހޭނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ.