ޚަބަރު

ކޮމަންވެލްތުގެ މެމްބަރުކަން ރާއްޖެއަށް އަނެއްކާވެސް ލިބޭނެކަމުގެ ޔަގީންކަން އަރުވައިފި

ކޮމަންވެލްތުގެ މެމްބަރުކަން ރާއްޖެއަށް އަނެއްކާވެސް ލިބޭނެކަމުގެ ޔަގީންކަން، ކޮމަންވެލްތުގެ ގައުމަކަށް އަލުން ވުމަށް ރާއްޖޭގެ ހާލަތު ދެނެގަތުމަށް އެ ޖަމާއަތުގެ ފަރާތުން ރާއްޖެ ވަޑައިގެން އުޅުއްވާ ވަފުދުގެ ބޭފުޅުން ދެއްވައިފިއެވެ.

ރާއްޖެއާ މެދު ތަފާތުކުރުން ގެންގުޅޭ ކަމަށާއި ދާހިލީ ކަންކަމުގެ ތެރެއަށް ކޮމަންވެލްތުން ވަންނަ ކަމަށް ބުނެ، އެ ޖަމާއަތުގެ މެމްބަރުކަމުން ރާއްޖެ ވަކިވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހުއެވެ.

ނަމަވެސް ކޮމަންވެލްތާ ރާއްޖެ އަލުން ގުޅޭނެ ކަމުގެ ވައުދާއެކު އެ ޖަމާއަތުގެ މެމްބަރު ގައުމަކަށް ވުމަށް މި ސަރުކާރުން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.

އެގޮތުން މިއަހަރުގެ ޖަނަވަރީ މަހު ކޮމަންވެލްތުގެ އެސެސްމެންޓް ޓީމެއް ރާއްޖެ އައިސްފައިވެއެވެ. އަދި މިއަހަރު ބޭއްވި ރައްޔިތުން މަޖިލީހުގެ އިންތިހާބު އޮބްޒާވް ކުރުމަށް އެ ޖަމާއަތުގެ އޮބްޒާވާ މިޝަންއެއްވެސް ރާއްޖެ އައެވެ.

ކޮމަންވެލްތާ އަލުން ގުޅުމުގެ ކުރިން ރާއްޖޭގެ ހާލަތު ދެނެގަތުމަށް ކޮމަންވެލްތުގެ ދެވަނަ އެސެސްމެންޓް ޓީމު ރާއްޖެ އައީ މިދިޔަ ހޮނިހިރު ދުވަހުއެވެ. އެ ޓީމުގައި އިސްކޮށް މަސައްކަތް ކުރައްވާނީ ގަވަނަންސް އެންޑް ޕީސް ޑައިރެކްޓަރޭޓްގެ ސީނިއާ ޑިރެކްޓަރު ކެޓަލައިނާ ސަޕްލޯއެވެ.

އެ ވަފުދުން ރާއްޖޭގައި ހޭދަކުރި ދުވަސްތަކުގައި ސަރުކާރުގެ ބައެއް މިނިސްޓަރުންނާއި ސަރުކާރުގެ އިސް ބޭފުޅުންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސާއި މިނިވަން މުއައްސަސާތަކުގެ މެމްބަރުންނާއި ޝަރުއީ ދާއިރާގެ ބައެއް ބޭފުޅުންނާ ވަނީ ބައްދަލުކުރައްވައިފައެވެ.

އެ ވަފުދުުން ރާއްޖެއަށް އެ ޔަގީންކަން ދެއްވީ ވަފުދުގެ ބޭފުޅުންނާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ފޮރިން މިނިސްޓްރީން ބުނީ، ރާއްޖެއިން ކޮމަންވެލްތާއި ގުޅުމަށް ވަރަށް ބޮޑަށް ތައްޔާރުވެ، އެކަމަށް ބޭނުންވެފައިވާކަން ބައްދަލުކުރެވުނު ފަރާތްތަކުގެ ފަރާތުން ފާހަގަކުރެވުނު ކަމަށް ކޮމަންވެލްތު އެސެސްމަންޓް ޓީމުން ބުނި ކަމަށެވެ.

އަދި ކޮމަންވެލްތާއި އަނބުރާ ގުޅުމަށް ރާއްޖެއިން މިހާރު ކުރަމުންދާ މަސައްކަތުން ޑިއު ޕްރޮސެސް ފުރިހަމަކޮށް، އެޖަމިއްޔާގެ މެމްބަރުކަން ރާއްޖެއަށް އަނެއްކާވެސް ލިބޭނެކަމުގެ ޔަގީންކަން އެ ޓީމުން ދެއްވި ކަަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

މިއަދުގެ ބައްދަލުވުމުގައި ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވީ، ރާއްޖެއިން ކޮމަންވެލްތުގެ ހަމަތައް ގަބޫލުކޮށް، ކުރިއެރުވުމަށް ތައްޔާރަށް އޮތްކަމަށެވެ.

އެގޮތުން ޑިމޮކްރަސީ އާއި ހެޔޮވެރިކަން ގާއިމްކުރުމާއި އިންސާނީ ހައްގުތަކާއި ޖަވާބުދާރީވުމުގެ ނިޒާމްތައް ހަރުދަނާކުރުން ހިމެނޭކަން ފާހަގަކުރައްވާ މިނިސްޓަރު ވަނީ، މިސަރުކާރު 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހު ވެރިކަމަށް އައީއްސުރެ ކޮމަންވެލްތުގެ މެމްބަރު ގައުމަކަށް އަލުން ވުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކޮށްފައިވާކަން ފާހަގަކުރައްވައިފައެވެ.