އަލީ ރިފްޝާން
ސަރުކާރުގެ އެހީތެރިކަމާއެކު ނޭޝަނަލް ޗެސް އާކޭޑް ހުޅުވުމުން ރާއްޖޭގައި ބައިނަލްއަގުވާމީ މުބާރާތެއް ބޭއްވުމަށް ތައްޔާރުވުމުގެ ފުރުސަތު ލިބިފައިވާ ކަމަށް މޯލްޑިވްސް ޗެސް އެސޯސިއޭޝަން (އެމްސީއޭ)ގެ ރައީސް ހުސައިން ޝިޔާން ވިދާޅުވެއްޖެއެވެ.
ހުޅުމާލޭގެ މިނީ ސްޕޯޓްސް ކޮމްޕްލެކްސްގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި ނޭޝަނަލް ޗެސް އާކޭޑް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްސީއޭގެ ރައީސް ޝިޔާން ވިދާޅުވީ ހިއުމަން ރިސޯސް ތަރައްގީކޮށްގެން ސަރަހައްދީ މުބާރާތްތައް ބޭއްވުމުގެ މަސައްކަތް މިހާރު ވެސް ކުރަމުން އަންނަ ކަމަށާއި ޗެސް އާކޭޑު ހުޅުވުމާއެކު ގިނަ ފުރުސަތުތަކެއް ތަނަވަސްވެގެން ގޮސްފައިވާ ކަމަށެވެ.
"މި ފެސިލިޓީއާއެކު އަޅުގަނޑުމެންނަށް މިވަގުތު ބައިނަލްއަގުވާމީ ނުހިންގުނަސް، އަޅުގަނޑުމެންނަށް މިތަނުގައި އަޅުގަނޑުމެންގެ މިކަންކަމަށް ބޭނުންވާ ހިއުމަން ރިސޯސް ތަރައްގީކުރެވޭނެ. އަޅުގަނޑުމެންގެ ކުޅުންތެރިން ތައްޔާރުކުރެވޭނެ. އަޅުގަނޑުމެންގެ އިންސްޓްރަކްޓަރުން ތަމްރީނު ކުރެވޭނެ. މި ހުރިހާ ވަސީލަތެއް ފުރިހަމަވެގެން ނޫނީ އަޅުގަނޑުމެންނަށް ބައިނަލްއަގުވާމީ މުބާރާތެއްގެ ވާހަކަދައްކަން ވެސް ފުރުސަތެއް ނުލިބޭނެ. މިއަދު އަޅުގަނޑުމެންނަށް ބުނެވޭނެ އަހަރެއްހާ ދުވަސް ތެރޭގައި ނުވަތަ ކުރިއަށްއޮތް ހައެއްކަ މަސް ދުވަސް ތެރޭގައި ބައިނަލްއަގުވާމީ މުބާރާތެއް ރާއްޖޭގައި ހޯސްޓްކުރަން ބޭނުންވާ ހިއުމަން ރިސޯސް ތަރައްގީކުރެވޭނެއޭ،" އޭނާ ވިދާޅުވިއެވެ.
ޝިޔާން ވިދާޅުވީ ޗެސް އާކޭޑާއެއެކު ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމް (ވައިޑީޕީ) އާއި ޓްރޭނިން ޕްރޮގްރާމުތައް ފުޅާކުރުމުގެ ފުރުސަތު ތަނަވަސްވެފައިވާ ކަމަށާއި ކުރިން ޕްރޮގްރާމުތައް ހިންގަން ޖެހެނީ ތަނެއް ކުއްޔަށް ހިފައިގެން ނުވަތަ ތަނެއް ހުސްވާ ވަގުތެއްގައި ކަމަށެވެ. ނަމަވެސް މިހާރު އެ ދަތިތައް ނައްތާލެވިއްޖެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"މި ކުޅިވަރު ހޮޓާ ކަންކަންމަތީގައި ކުޅުނަސް، ބައިނަލްއަގުވާމީ ފެންވަރުގައި މި ކުޅިވަރުން އިތުރަށް ކުރިއަށްދާން ވެއްޖެއްޔާ، އަޅުގަނޑުމެންނަށް ރަނގަޅު މާހައުލެއް ބޭނުންވޭ. ކުޅިވަރު ފުޅާކުރަން ނުވަތަ ކުޅިވަރު ތަރައްގީކުރުމަށްޓަކައި އެކަށީގެންވާ މާހައުލެއް ބޭނުންވޭ. މިއަދު އަޅުގަނޑުމެންނަށް ލިބިގެންމިދިޔައީ މީގެ މާހައުލެއް،" އޭނާ ވިދާޅުވިއެވެ.
ޝިޔާން އިތުރަށް ވިދާޅުވީ ރައީސް ސޯލިހު ވެރިކަމާ ހަވާލުވި ފަހުން ކުޅިވަރު ތެރެއިން ތަފާތުކުރުން ވަރަށް ބޮޑަށް މަދުކުރެވިގެންދިޔަ ތަން ފެނިގެންގޮސްފައިވާ ކަމަށާއި މިހާރު ޗެސް ފަދަ ކުޅިވަރުތަކުން އިތުރަށް ކުރިއަށްދިއުމުގެ މަގު ތަނަވަސްވެފައިވާ ކަމަށެވެ. އަދި އެކަމަށްޓަކައި ޗެސް އެސޯސިއޭޝަންގެ ފަރާތުން ޝިޔާން ވަނީ ރައީސް ސޯލިހަށް ޝުކުރު ދަންނަވައިފައެވެ.
ނެޝަނަލް ޗެސް އާކޭޑަކީ ރާޒުވާ ކުޅުމަށް ޔޫތު މިނިސްޓްރީގެ ފަރާތުން މޯލްޑިވްސް ޗެސް އެސޯސިއޭޝަނަށް ހަމަޖައްސައިދިން ހޯލެކެވެ. މީގެ ކުރިން ރާއްޖޭގައި ޗެސް ކުޅުމަށް ހާއްސަ ތަނެއް ނުހުރެއެވެ.