ޚަބަރު

މިސްކިތަށް ނަމާދަށް އަރާއިރު ފޯނާއި ވޮލެޓް ފަދަ ތަކެތި ޖީބުގައި ބެހެއްޓުން އެދެވިގެންވޭ: ފުލުހުން

މަރިޔަމް ޝަހުދާ

މިސްކިތަށް ނަމާދަށް އަރާއިރު ފޯނާއި ވޮލެޓް ފަދަ ތަކެތި ކުރިމަތީގައި ބެހެއްޓުމުގެ ބަދަލުގައި އެތަކެތި ޖީބުގައި ބެހެއްޓުން އެދެވިގެންވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިހެން އެދެފައި މިވަނީ މިސްކިތަށް އަރާ މީހުން ނަމާދު ކުރަން ހުއްޓާ، އެމީހުންގެ ކުރިމަތީގައި ބަހައްޓާފައި އޮންނަ ފޯނާއި ވޮލެޓު ވަގަށް ނެގުމުގެ މައްސަލަތައް އިތުރު ވަމުން އަންނާތީއެވެ.

"މިސްކިތަށް ނަމާދަށް އަރައިވަޑާއިގަތުމުގެ ކުރިން ފޯން، ވޮލެޓް ފަދަ ތަކެތި އެ ބޭފުޅެއްގެ ޖީބުގައި ބެހެއްޓުމަކީ އެދެވިގެންވާ ކަމެއްކަން މި ސާވިސް އިން ފާހަގަ ކުރަން،" އިލްތިމާސް ކުރައްވާ ފުލުހުން ކުރި ޓުވީޓްގައި ބުނެފައިވެއެވެ.

މިސްކިތަށް ނަމާދަށް އަރާ މީހުންގެ ފޯނާއި ވޮލެޓްފަދަ ތަކެތި އެމީހެއްގެ ޖީބުގައި ބެހެއްޓުމަށް ފުލުހުން އެދިފައިވާއިރު، މިދިޔަ ހޯމަ ދުވަހު ދެ މިސްކިތަކަށް ނަމާދަށް އެރި ދެ މީހެއްގެ ފޯނު ވަނީ ވަގަށް ނަގައިފައެވެ.

އެގޮތުން މިދިޔަ ހޯމަ ދުވަހު މާލޭ މިސްކިތަކަށް އަސުރު ނަމާދަށް އެރި މީހެއްގެ ފޯނު ވަގަށް ނެގިއިރު ހަމަ އެ ދުވަހުގެ 18:30 ހާއިރު މާލޭ މިސްކިތެއްގައި މަޤްރިބް ނަމާދު ކުރަން ހުރި މީހެއްގެ ފައި ކައިރީގައި ބާއްވާފައިއޮތް އައިފޯން އެކްސްއެސްއެއް ވަނީ ވަގަށް ނަގައިފައެވެ.

ނަމަވެސް އެ ވައްކަން ކުރި ދެ މީހުން ވެސް އަތުލައިގަނެ، ވަގަށް ނެގި ފޯނު ވަނީ ވެރިފަރާތާ ހަވާލުކޮށްފައެވެ.