ޚަބަރު

ހަނިމާދޫ ކޯޓުގެ އިސް މެޖިސްޓްރޭޓަރަށް ޖޭއެސްސީން ނަސޭހަތްތެރިވަނީ

މަރިޔަމް ޝަހުދާ

ހދ. ހަނިމާދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް މުހައްމަދު ހަނީފު އަބްދުލްކަރީމަށް ނަސޭހަތްތެރިވުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމައިފިއެވެ.

ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އިސް މެޖިސްޓްރޭޓް ހަނީފާ ގުޅޭގޮތުން ހުށަހެޅުނު ޝަކުވާ ތަހުގީގު ކުރި ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓް ބަލައިގަތުމަށް މިއަދު ބޭއްވި ކޮމިޝަންގެ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ.

އަދި ތަހުގީގު ކުރުމަށްފަހު ހުށަހަޅާފައިވާ ރިޕޯޓްގައި ހުށަހަޅާފައިވަނީ އިސް މެޖިސްޓްރޭޓް ހަނީފަށް ތައުދީބީ ފިޔަވަޅެއްގެ ގޮތުގައި ނަސޭހަތްތެރިވުމަށް ކަމަށް ބުނެފައިވެއެވެ.

ނަމަވެސް ހަނީފަށް ނަސޭހަތްތެރިވަނީ ހުށަހެޅުނު ކޮން ޝަކުވާއެއް ތަހުގީގު ކުރުމަށްފަހު ކަމެއް ޖޭއެސްސީން ހާމައެއް ނުކުރެއެވެ.

ޖޭއެސްސީން ބުނީ، އިސް މެޖިސްޓްރޭޓަށް ނަސޭހަތްތެރިވާން ހުށަހަޅާފައިވުމުން ތަހުގީގު ރިޕޯޓަށް ޖަވާބުދާރީ ވުމަށް 30 ދުވަހުގެ މުއްދަތެއް މާދަމާއިން ފެށިގެން ދިނުމަށް ނިންމާފައިވާ ކަމަށެވެ.