ފޯ ނޭޝަންސް ޓޯނަމެންޓް

ފޯ ނޭޝަންސް ޓޯނަމެންޓުގައި ރާއްޖޭގެ ޒުވާން ޓީމު ކުޅުނު ދެވަނަ މެޗުން ވެސް ބަލިވެއްޖެ

އަލީ ރިފްޝާން

ގަތަރުގެ ދޯހާގައި ކުރިއަށްދާ ފޯ ނޭޝަންސް ޓޯނަމެންޓުގައި ރާއްޖޭގެ ޒުވާން ފުޓުބޯޅަ ޓީމު ކުޅުނު ދެވަނަ މެޗުން ވެސް ބަލިވެއްޖެއެވެ.

މުބާރާތުގައި ރާއްޖޭގެ 16 އަހަރުން ދަށުގެ ޓީމު އިއްޔެ ކުޅުނު މެޗުގައި އިންޑޮނޭޝިއާ އަތުން ރާއްޖެ ބަލިވީ 4-0ގެ ނަތީޖާއަކުންނެވެ.

ރާއްޖެ ކުޅުނު ފުރަތަމަ މެޗުން ވެސް ވަނީ ބަލިވެފައެވެ. މިދިޔަ އާދީއްތަ ދުވަހު ޖޯޑަންއާ ދެކޮޅަށް ކުޅުނު އެ މެޗުން ރާއްޖެ ބަލިވީ 9-0ގެ ނަތީޖާއަކުންނެވެ.

ފޯ ނޭޝަންސް ޓޯނަމެންޓަކީ ރާއްޖޭގެ 16 އަހަރުން ދަށުގެ ޓީމާ، ތަޖުރިބާކާރު ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ހަވާލުވި ފަހުން ކުޅޭ ފުރަތަމަ މުބާރާތެވެ. އެ މުބާރާތުގެ އިތުރުން ވެސް ތަޖުރިބާ ހޯދުމަށް ގިނަ މުބާރާތްތަކުގައި ރާއްޖޭގެ 16 އަހަރުން ދަށުގެ ޓީމު ވާދަކުރާނެ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މައުލޫމާތުދެއެވެ.

މިދިޔަ އާދީއްތަ ދުވަހުން ފެށިގެން މާދަމާގެ ނިޔަލަށް ކުރިއަށްދާ އެ މުބާރާތުގައި ޖުމުލަ ހަތަރު ޓީމެއް ވާދަކުރެއެވެ. ރާއްޖޭގެ އިތުރުން ދެން އެ މުބާރާތުގައި ވާދަކުރަނީ މުބާރާތް ބާއްވާ ގައުމު ކަމަށްވާ ގަތަރާއި ޖޯޑަން އަދި އިންޑޮނޭޝިއާއެވެ.

އެ މުބާރާތުގައި ރާއްޖެ ކުޅޭ ފަހު މެޗުގައި ނުކުންނަން ޖެހޭނީ މުބާރާތް ބާއްވާ ގައުމު ކަމަށްވާ ގަތަރާ ދެކޮޅަށެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ.