އަލީ ރިފްޝާން
ގަތަރުގެ ދޯހާގައި ކުރިއަށްދާ ފޯ ނޭޝަންސް ޓޯނަމެންޓުގައި ޖޯޑަން އިން ރާއްޖޭގެ ގައުމީ ޒުވާން ފުޓްބޯޅަ ޓީމު ކޮޅަށް ނުވަ ލަނޑު ޖަހައިފިއެވެ.
އެ މުބާރާތުގައި ރާއްޖޭގެ 16 އަހަރުން ދަށުގެ ޓީމު އިއްޔެ ކުޅުނު މެޗުގައި ޖޯޑަން އަތުން ބަލިވެފައިވަނީ 9-0ގެ ނަތީޖާއަކުންނެވެ. އެ މެޗަކީ ރާއްޖޭގެ ފުރަތަމަ މެޗެވެ.
ފޯ ނޭޝަންސް ޓޯނަމެންޓަކީ ރާއްޖޭގެ 16 އަހަރުން ދަށުގެ ޓީމާ، ތަޖުރިބާކާރު ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ހަވާލުވި ފަހުން ކުޅޭ ފުރަތަމަ މުބާރާތެވެ. އެ މުބާރާތުގެ އިތުރުން ވެސް ތަޖުރިބާ ހޯދުމަށް ގިނަ މުބާރާތްތަކުގައި ރާއްޖޭގެ 16 އަހަރުން ދަށުގެ ޓީމު ވާދަކުރާނެ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މައުލޫމާތުދެއެވެ.
އިއްޔެ އިން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށްދާ އެ މުބާރާތުގައި ޖުމުލަ ހަތަރު ޓީމެއް ވާދަކުރެއެވެ. ރާއްޖޭގެ އިތުރުން ދެން އެ މުބާރާތުގައި ވާދަކުރަނީ މުބާރާތް ބާއްވާ ގައުމު ކަމަށްވާ ގަތަރާއި ޖޯޑަން އަދި އިންޑޮނޭޝިއާއެވެ.
އެ މުބާރާތުގައި ރާއްޖެ ކުޅޭ ދެވަނަ މެޗުގައި ނުކުންނަން ޖެހޭނީ އިންޑޮނޭޝިއާއާ ދެކޮޅަށެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ.