މުހައްމަދު އައުޒަމް
އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)، ރައީސްކަމުގެ ހުވާކުރައްވާ ރަސްމިއްޔާތަށް ވަދެވޭނީ ހަމައެކަނި ދައުވަތު އަރުވާ ފަރާތްތަކަށް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.
އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކުލަވާލައިފައިވާ އިނޮގްރޭޝަން ކޮމިޓީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ހަސަން ލަތީފް ވިދާޅުވީ ހުވާކުރެއްވުމުގެ ރަސްމިޔާތަށް ބޭރުގެ ބައެއް ގައުމުތަކުގެ އެންމެ އިސްވެރިންގެ އިތުރުން ބޭރުގެ ގިނައަދަދެއްގެ އިއްޒަތްތެރިން ބައިވެރިވެވަޑައިގަންނަވާނެ ކަމަށާއި އަދި ދައުވަތު ދެއްވާ ފަރާތްތަކަށް ދައުވަތު ދިނުމަށްފަހު ބާކީ ހުންނަ ޖާގަތަކަށް އާންމުންނަށް ހުޅުވާލަން ކުރިން ނިންމާފައިވީ ނަމަވެސް ދަނޑުގައި ޖާގަ ހުރި ވަރަށް ބަލާފައި ހަމައެކަނި ދައުވަތު އަރުވާ މީހުން އެ ރަސްމިއްޔާތުގައި ބައިވެރިކުރާގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.
ހަސަން ލަތީފް އިތުރަށް ވިދާޅުވީ ބޭރު ގައުމުތަކުގެ އިސްފަރާތްތަކާއި އޮފިޝަލުން، ހުވާކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަށް ހަމަޖެހިފައިވާތީ އެބޭފުޅުންގެ ސެކިއުރިޓީގެ ކަންތައްތައް އެންމެ ފުރިހަމައަށް ބެލެހެއްޓޭނެ ގޮތަކަށް ކަންކަން ރޭވުމަށް ލަފާދީފައިވާތީ ހަމައެކަނި ދައުވަތު އަރުވާ ފަރާތްތަކަށް އެކަނި ބައިވެރިވެވޭނެ ގޮތް ހަމަޖައްސަން ޖެހުނީ ކަމަށެވެ.
ގަލޮޅުދަނޑުގެ ކެޕޭސިޓީއަކީ 11500 ޖާގަ ކަމަށް ވާއިރު ދައުވަތު ދެވޭނީވެސް ހަމަ އެ މިންވަރަށް ކަމަށް ހަސަން ލަތީފު ވިދާޅުވިއެވެ.
ގަލޮޅު ދަނޑުގައި ރަސްމިއްޔާތު ކުރިއަށް ދާއިރު މާލޭގެ ކޮންމެވެސް ދެ ސަރަހައްދެއްގައި ސްކްރީނު ބަހައްޓައިގެން ޖަލްސާ ބެލޭނެ އިންތިޒާމު ހަމަޖެހިފައި ހުންނާނެ ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.
ހުވާކުރުމުގެ ރަސްމައްޔާތު އޮންނާނީ 17 ނޮވެމްބަރުވާ ހޮނިހިރު ދުވަހުގެ ހަވީރު 5:00 ގައެވެ.