އެންސްޕާ

އެންސްޕާގެ ހިންގުން ޖެންޑާ މިނިސްޓްރީގެ ދަށަށް ބަދަލު ކުރާ އިސްލާހު ރައީސް ތަސްދީގު ކުރައްވައިފި

ފަތޯނާ ފާއިޒު

އިޖްތިމާއީ ސިއްހީ އިންޝުއަރަންސްގެ ގައުމީ ނިޒާމުގެ ގާާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި ފުރަތަމަ އިސްލާހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރައްވައިފިއެވެ.

ރައީސް ސޯލިހު ތަސްދީގު ކުރެއްވި މި އިސްލާހަކީ، މި މަހުގެ 21 ވީ ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރުގެ 37 ވަނަ ޖަލްސާއިން ފާސްކުރި އިސްލާހެކެވެ.

މި އިސްލާހު ހުށަހަޅާފައި ވަނީ އިޖްތިމާއީ ސިއްހީ އިންޝުއަރަންސްގެ ގަައުމީ ނިޒާމުގެ ގާނޫނުގެ 42 ވަނަ މާއްދާގެ (ހ) އަށެވެ. މި އިސްލާހުގައި ބުނެފައިވަނީ، މިމާއްދާގައި "މިނިސްޓަރު" ކަމުގައި ބުނެފައި ވަނީ ރައްޔިތުންނަށް އިޖުތިމާއީ ހިދުމަތްތައް ފޯރުކޮށްދިނުމާ ގުޅޭ ސިޔާސަތުތައް ކަނޑައެޅުމުގެ މަސްއޫލިއްޔަތު ހަވާލުކުރެވިފައިވާ ސަރުކާރުގެ ވުޒާރާގެ ވަޒީރަށް ކަމުގައެވެ.

އިޖުތިމާއީ ސިއްހީ އިންޝުއަރަންސްގެ ގައުމީ ނިޒާމުގެ ގާނޫނަށް، ސަރުކާރުން، މި އިސްލާހު ގެނައުމުގެ ބޭނުމަކީ، އެ ގާނޫނުގެ ދަށުން އުފައްދާފައިވާ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީގެ ކަންކަން، ސިއްހަތާ ބެހޭ ސިޔާސަތުތައް ކަނޑައެޅުމުގެ މަސްއޫލިއްޔަތު ހަވާލުކުރެވިފައިވާ ވުޒާރާއާ ހަވާލުކޮށްފައި އޮތުމުގެ ބަދަލުގައި، ރައްޔިތުންނަށް އިޖްތިމާއީ ހިދުމަތްތައް ފޯރުކޮށްދިނުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާކަމަށްވާ "މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް" އަށް ބަދަލުކުރުމަށްޓަކައި ގާާނޫނަށް ގެންނަންޖެހޭ އިސްލާހު ގާނޫނަށް ގެނައުމެވެ.

މި އިސްލާހު ރައީސް ސޯލިހު މިއަދު ތަސްދީގު ކުރެއްވުމާ ގުޅިގެން މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރައްވާފައެވެ.

އެންސްޕާގެ ހިދުމަތްތައް ޖެންޑާ މިނިސްޓްރީގެ ދަަށަށް ބަދަލު ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އިސްލާހު ފާސް ކުރީ މިމަހުގެ 21 ވަނަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައި 62 މެންބަރުންގެ ވޯޓާއެކުގައެވެ. ޖެންޑާ މިނިސްޓްރީގެ ދަށަށް އެންސްޕާ ބަދަލުވިނަމަވެސް އެ އިދާރާގެ މަސައްކަތްތަކަށް އެއްވެސް ބަދަލެއް ނާންނާނެކަމަށް އެންސްޕާއިން ވަނީ ބުނެފައެވެ.

2011 ވަނަ އަހަރު އެންސްޕާ އުފެދުނީއްސުރެ، މިހާތަނަށް ހިންގަމުން އައިސްފައިވަނީ ހެލްތު މިނިސްޓްރީގެ ދަށުންނެވެ.