ޚަބަރު

ރާއްޖޭގެ 60 ރަށެއްގައި މިހާރު ސްޕޯޓްސް ކައުންސިލަރުން ދަނީ މަސައްކަތް ކުރަމުން: މިނިސްޓަރު

އާނިފާ ހުސެއިން ސިރާޖް

1

ސްޕޯރޓްސް ކައުންސިލަރުން ނެތް ރަށްރަށަށް ސްޕޯޓްސް ކައުންސިލަރުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރު އަހްމަދު މަޙްލޫފް ވިދާޅުވެއްޖެއެވެ.

ފަސް ކައުންސިލަކަށް އައުޓްޑޯ ޖިމްގެ ސާމާނު ހަވާލުކުރުމާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ 60 ވަރަކަށް ރަށުގައި މިހާރު ވެސް ޔޫތް މިނިސްޓްރީގެ ސްޕޯޓްސް ކައުންސިލަރުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އަދި ޖުމްލަކޮށް ރާއްޖޭގެ 80 ޕަސެންޓާއި 90 ޕަސަންޓާ ދެމެދުގެ ރަށްތަކުގައި ސްޕޯޓްސް ކައުންސިލަރުންގެ ޕްރޮގްރާމްތައް ރަނގަޅަށް ކުރިއަށްދާއިރު، ސްޕޯޓްސް ކައުންސިލަރުން ނެތް ރަށްރަށަށް މީހުން ހޯދުމަށް އިއުލާންކޮށް، ގާބިލް މީހުން ހޯދުމަށް އިންޓަވިއު ކުރަމުންދާ ކަމަށް ވެސް މަހުލޫފް ވިދާޅުވިއެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި އައުޑްޓޯ ޖިމް ހެދުމަށް އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ތ. ތިމަރަފުށި، ށ.މިލަންދޫ، ހއ.ފިއްލަދޫ، އއ.ރަސްދޫ ގެ އިތުރުން ބ.ތުޅާދޫ ގައެވެ. ޔޫތް މިނިސްޓްރީން ބުނާގޮތުގައި، މި ޖިމްތަކަކީ އިންޑިއާގެ ސަރުކާރާ ވާހަކަދައްކައިގެން ވޯލްޑް ހެލްތް އޯގަނައިޒޭޝަންގެ އެހީތެރިކަމާއެކު ގާއިމްކުރާ ޖިމް ތަކެކެވެ.

މިނިސްޓަރު މަހުލޫފް ވިދާޅުވީ، މިދިޔަ އަހަރު 10 ރަށެއްގައި އައުޓްޑޯ ޖިމް ގާއިމްކޮށްފައިވާއިރު، މިއަދު މަސައްކަތް ހަވާލުކުރި ފަސް ރަށުގައި ވެސް ވަރަށް އަވަހަށް މަސައްކަތް ފެށިގެން ކުރިއަށްދާނެ ކަމަށެވެ. އަދި އުންމީދަކީ ހުރިހާ ރަށެއްގައި ވެސް ހަދާ ޖިމްތަކުގެ ސެޓަޕް އެއް ގޮތަކަށް ހެދުން ކަމަށް ވިދާޅުވިއެވެ.

އައުޓްޑޯ ޖިމަށް ބޭނުންވާ ތަކެތި ކައުންސިލްތަކާ ހަވާލު ކުރުމާއި އިންސްޓޯލް ކުރުމާއި ޖިމާ ގުޅޭ އެންމެހާ ކަންކަން ކުރިއަށް ގެންދާނީ ޔޫތް މިނިސްޓްރީ އާއި އެރަށެއްގެ ކައުންސިލާ ގުޅިގެންނެވެ. އަދި އެ ޖިމްތައް ގާއިމްކުރާ ބިންތައް ކަނޑައެޅުމަށް އެ ރަށްތަކުގެ ކައުންސިލްތަކާ މިހާރު މަޝްވަރާ ކުރަމުންދާ ކަމަށް ޔޫތް މިނިސްޓްރީން ބުނެއެވެ.

ރާއްޖެއަކީ ސިއްހީ ގޮތުން ދުޅަހެޔޮ އާބާދީއެއް އޮތް ތަނަކަށް ހެދުމަށްޓަކައި ރަށްތަކުގައި އައުޓް ޑޯ ޖިމްތަކެއް ގާއިމްކުރުމުގެ މަސައްކަތަކީ ހެލްތު މިނިސްޓްރީ އާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިސްނަގައިގެން ދުޅަހެޔޮ ދިރިއުޅުމަކަށް އަހުލުވެރިކުރުމަށް "25 އަށް 25"ގެ ނަމުގައި މިދިޔަ އަހަރު ފެށިގެން ކުރިއަށްގެންދާ ކެމްޕެއިނަށް އެހީވުމުގެ ގޮތުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)ގެ އެހީތެރިކަމާއެކު ގާއިމްކުރަމުންދާ ޖިމްތަކެކެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟