ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން

ހުރިހާ ރަށެއްގެ ކައުންސިލަރުން ދުންފަތުގެ އިސްތިއުމާލު ކުރުމާ ދުރުވުމަށް ހެލްތު މިނިސްޓަރު ގޮވާލައްވައިފި

އާނިފާ ހުސެއިން ސިރާޖް

ރާއްޖޭގެ ހުރިހާ ރަށެއްގެ ކައުންސިލަރުން ދުންފަތުގެ އިސްތިއުމާލު ކުރުމާ ދުރުވުމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ގޮވާލައްވައިފިއެވެ.

މިނސްޓަރު އަމީން އެކަމަށް ގޮވާލެއްވީ، ފަސް ރަށަކަށް އައުޓްޑޯ ޖިމް ގާއިމްކުރުމަށް ބޭނުންވާ ސާމާނު ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

މިނސްޓަރު އަމީން ވިދާޅުވީ ދުޅަހެޔޮ ސިއްހަތެއްގައި ނަމޫނާއަކަށް ވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި އެހެންކަމުން ރާއްޖޭގެ ހުރިހާ ކައުންސިލަރުންވެސް ދުންފަތުގެ އިސްތިއުމާލު ކުރުމާ ދުރުހެލިވުމަށް ގޮވާލައްވާކަމަށެވެ. ސަބަބަކީ ރާއްޖޭގެ އެހެން ރައްޔިތުންނަށް ނަމޫނާއަކަށް ވުމަށް ޓަކައި މަގާމުތަކުގައި ތިއްބަވާ ބޭފުޅުން މިކަމުގައި އިސްނެންގެވުމަކީ މުހިންމު ކަމަކަށް ވާތީ ކަމުގައިވެސް މިނިސްޓަރު ވިދާޅުވި އެވެ.

އައުޓްޑޯ ޖިމްތައް ބޭނުން ކުރެއްވުމުގައިވެސް ރަށްރަށުގައި މަގާމުތަކުގައި އުޅުއްވާ ބޭފުޅުން ނަމޫނާއަކަށް ވާން ޖެހޭނެކަން ފާހަގަކުރައްވައި މިނިސްޓަރު ވަނީ ޖިމް ތަކުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް އިލްތިމާސް ކުރައްވާފައެވެ.

"ހެލިފެލިވެ އުޅުނަސް، ދުންފަތާ ދުރުވެގެން އަޅުގަނޑުމެން ފުރިހަމަ ސިއްހަތަށް ކުރާ ދަތުރުގެ އެންމެ ބޮޑު ދޮރު ހުޅުވޭނީ" މިނިސްޓަރު އަމީން ވިދާޅުވިއެވެ.

އެނާޖީ ޑްރިންކްސް ފަދަ ބުއިންތައް އަޅުގަނޑުމެން ތެރޭ ވަރަށް ބޮޑަށް ފެތުރިފައިވާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ މިކަންތައްތަކާ ވެސް ދުރުވާން ޖެހޭ ކަމުގައެވެ.

މިއަދު އައުޓްޑޯ ޖިމް ގާއިމްކުރުމަށް ބޭނުންވާ ސާމާނު ހަވާލުކުރުމަށް އެއްބަސްވުމުގައި ސޮއިކުރެއްވީ ތ. ތިމަރަފުށި، ށ.މިލަންދޫ، ހއ.ފިއްލަދޫ، އއ.ރަސްދޫ، އަދި ބ.ތުޅާދޫގައެވެ.