ޝަހީދާ އަބްދުﷲ ސައީދު
''ރުމާލު2'' ޖަގަހަ ރޫޅާލި ނަމަވެސް ރައްޔިތުންގެ ބިން ބޭނުންކުރި މައްސަލައިގައި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުއަށް އެކަމުން ރެކިވަޑައިނުގެންނެވޭނެ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.
ޕީޕީއެމްގެ ކެމްޕެއިން ހަރަކާތްތައް ފެށުމުގެ ގޮތުން މާލޭގައި ހުޅުވި ''ރުމާލު2'' ޖަގަހަ ރޫޅާލުމުގެ މަސައްކަތް މިއަދު ކުރަމުން ދަނިކޮށް، މަހުލޫފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ''ރައްޔިތުންގެ ބިމުގައި ޕީޕީއެމްގެ ރުމާލު ޖަގަހަ ހިންގާފައި މިއަދު އެތަން ހުސްކުރަން ފެށުމަކުން މުއިއްޒުއަށް މި ޖަރީމާއަކުން ނުރެކެވޭނެ'' ކަމަށެވެ.
ޕީޕީއެމުން ރުމާލު 2 ޖަގަހަ ހުޅުވާފަނީ މާލެހިޔާ ފްލެޓްތަކުގެ ދެކުނުން އޮތް ބިމުގައެވެ.
ޕީޕީއެމްގެ އިސް އޮފިޝަލަކު ''ވަންއޮންލައިން'' އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ރުމާލު2 ޖަގަހަ ރޫޅާލަނީ ނޫން ކަމަށާއި، ތަނުގައި ހުރި ބައެއް މުދަލާއި ތަކެތި ގުދަނަށް ބަދަލުކުރަނީ ކަމަށެވެ. އަދި އެތަން ބަދަލުކުރަން ނިންމީ މިދުވަސްވަރަކީ ވިއްސާރަ މޫސުމަކަށް ވެފައި، ވާރޭ ވެހުމުން ތަކެތީގައި ފެންޖެހި ހަލާކުވަމުންދާތީ ކަމަށް އޭނާ ވިދާޅުވިއެވެ.