"ދިވެހި ރާއްޖޭގެ ސަގާފީ ތަރިކައިގެ ބިލް" ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ރާއްޖޭގެ ސަގާފީ ތަރިކަ ރައްކާތެރި ކުރުމުގެ ޒިންމާ އުފުލުމަށްޓަކައި "ދިވެހި ރާއްޖޭގެ ސަގާފީ ތަރިކަ ރައްކާތެރިކުރާ އެޖެންސީ"ގެ ނަމުގައި ސަރުކާރުގެ އިދާރާއެއް އުފެއްދުމަށް ހުށަހަޅާފައިވާ، މި ބިލު މަޖިލީހުން ފާސްކުރީ ޖަލްސާގައި ތިއްބެވި 76 މެންބަރުންގެ ތެރެއިން ވޯޓު ދެއްވި 72 މެންބަރުންގެ އިއްތިފާގުންނެވެ.
ގައުމީ ތަރިކައިގެ ހާލަތާއި، ތަރިކަ ރައްކާތެރިކޮށް ދެމެހެއްޓުމާގުޅޭ ގޮތުން މިނިސްޓަރަށް ލަފާދިނުމަށް ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ އެޖެންސީ ބޯޑެއް ރައީސުލް ޖުމްހޫރިއްޔާ އެކުލަވައިލަން ވާނެ ކަމަށްވެސް މި ބިލުގައި ބުނެފައިވެއެވެ.
ސަގާފީ ތަރިކައަށް ގެއްލުންދޭ ފަރާތްތަކަށް ދޭނެ އަދަބު ތަކެއްވެސް މި ބިލުގައި ވަނީ ކަނޑައަޅައިފައެވެ. އެގޮތުން ސަގާފީ ތަރިކައަށް ގެއްލުންދޭ ފަރާތްތައް އެއްލައްކަ ރުފިޔާ އާއި އެއްމިލިޔަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމާއި، ފަސް އަހަރާއި ވިހި އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލުމަށް ބިލުގައި ވަނީ ކަނޑައަޅައިފައެވެ.
މި ބިލުގައި، ކަމާބެހޭ މިނިސްޓްރީއަށް ހުށަހަޅައި ރަޖިސްޓްރީ ކޮށްގެން މިއުޒިއަމާއި ދާރުލްއާސާރު، އަމިއްލަ ފަރާތްތަކަށް ހިންގޭނެ ކަމަށް ވަނީ ބުނެފައެވެ. އަދި އެ ތަންތަނުގެ ދާއިމީ ރައްކާތެރިކަން ފުލުހުން ކަށަވަރު ކޮށްދޭންޖެހޭނެ ކަމަށްވެސް ބުނެފައިވއެވެ.