އައްޑޫ ސިޓީގެ ސީއެމްބިއުލާންސްގެ ހިދުމަތް ހުއްޓިފައި އޮންނަތާ މަސްދުވަސްވެފައިވާއިރު އެކަމުގެ ސަަބަބުން އެސިޓީގައި ސިއްހީ ހިދުމަތް ހޯދާ ރައްޔިތުންނަށް ވަރަށް ބޮޑަށް ދަތިވާ ކަމަށް، ހިތަދޫ ރީޖަަނަލް ހޮސްޕިޓަލުން ބުނެފިއެވެ.
އައްޑު އަތޮޅުގައި ސީ އެމްބިއުލާންސްގެ ހިދުމަތް ދެނީ އެމްއެންޑީއެފް ސަދަން ކޮމާންޑްގެ ދަށުންނެވެ. އެ ސީއެމްބިއުލާންސް މަރާމާތު ކުރުމަށްޓަކައި މާލެ ގެނެސްފައިވާއިރު، މަރާމާތުގެ މަސައްކަތަށް ގިނަ ދުވަސްތަކެއް ވަމުންދާތީ ރައްޔިތުން އަންނަނީ އެކަމުގެ ޝަކުވާ ކުރަމުންނެވެ.
"ވަން"އާ ވާހަކަ ދައްކަވަމުން ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ހިންގެވުމާ ހަވާލުވެ ހުންނެވި ޝަރަފުއްސާދާތު (ސާތު) ވިދާޅުވީ، ސީ އެމްބިއުލާންސްގެ ހިދުމަތް މެދުކެނޑިފައި ވާތީ އެންމެ ބޮޑަށް ދަތިވަނީ ހުޅުމީދޫގެ ރައްޔިތުންނަށް ކަމަށެވެ. އެގޮތުން ލޯންޗު ކުއްޔަށް ހިފައިގެން ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ފަރުވާ ހޯދަން އަންނަން ޖެހުމުން އެ ރައްޔިތުންނަށް ވަރަށް ބޮޑަށް ދަތިވެ މާލީ ދަރތިތަކާ ކުރިމަތިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"އެމްއެންޑީއެފުން ލޯންޗު އޮޕަރޭޓް ކުރަނީ. އެބޭފުޅުން ސީ އެމްބިއުލާންސާ ގުޅޭގޮތުން އަޅުގަނޑުމެންނަށް އެކަށީގެންވާ މައުލޫމާތެއް ނުދޭ" ސާތު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ސީ އެމްބިއުލާންސް މަރާމާތު ކުރުމުގެ މަސައްކަތަށް ދެމަސްދުވަސް ނަގާފާނެ ކަމަށް ބެލެވޭ ކަމަށެވެ. އައްޑޫ ސިޓީގައި އޮޕަރޭޓް ކުރާ ސީ އެމްބިއުލާންސްއާ ގުޅޭގޮތުން އެމްއެންޑީއެފްގެ ބަހެއް ހޯދާލަން "ވަން"އިން ގުޅުމުން އެމްއެންޑީއެފުން ބުނީ އެކަމާ ބެހޭ މައުލޫމާތު ސާފުކޮށްލައްވާފައި ގުޅުއްވާނެ ކަމަށެވެ. އެހެން ނަމަވެސް ހަބަރު ޝާއިއުކުރުމާ ހަމަޔަށް ޖަވާބެއް ލިބިފައެއް ނުވެ އެވެ.