ނ. އަތޮޅުގެ ރަށްރަށުގެ ރައްޔިތުންނަށް ފައިދާހުރި މަޝްރޫއުތައް ހިންގުމަށް ރަށު ކައުންސިލުތަކަށް އެއް ލައްކަ ރުފިޔާއަށްވުރެ ބޮޑުނުވާ އަދަދެއްގެ ފައިސާގެ އެހީ ދިނުމަށް ނ. އަތޮޅު ކައުންސިލުން ނިންމައިފިއެވެ.
ނ. އަތޮޅު ކައުންސިލުން ބުނީ އެހީގެ ގޮތުގައި ނ. އަތޮޅުގެ ރަށު ކައުންސިލްތަކަށް ފައިސާ ދޫކުރުމަށް ހަމަޖައްސާފައިވަނީ އެކަމަށްޓަކައި ހަދާފައިވާ އުސޫލާއި އެއްގޮތްވާގޮތުގެ މަތިން ޕްރޮޕޯސަލް ހުށަހަޅާ ކައުންސިލްތަކަށް ކަމަށެވެ.
ކައުންސިލްތަކުން ހުށަހަޅާ ޕްރޮޕޯސަލްތަކުގައި މަޝްރޫއުގެ ނަމާއި، މަޝްރޫއު ހިންގޭ ތަނާއި، މަޝްރޫއު ފެށޭނެ ތާރީހާއި، މަޝްރޫއު ނިމޭނެ ތާރީހާއި، މަޝްރޫއުގެ މުއްދަތާއި، މަޝްރޫއުގެ މަގުސަދާއި، މިހާރުގެ ހާލަތާއި، މަޝްރޫއުން ކުރާނެ ފައިދާ ފައިދާ ކުރާނެ ފަރާތާއި، މަސައްކަތް ކުރިއަށްދާނެ ގޮތުގެ ތާވަލާއި، މަޝްރޫއު ހިންގުމަށް ރަށު ކައުންސިލުން ހިއްސާވާ މިންވަރާއި، މަޝްރޫއު މޮނިޓާރ ކުރާނެ ގޮތާއި، މަޝްރޫއަށް ހިނގާނެ ހަރަދުގެ އިތުރުން މަޝްރޫއާ ގުޅުންހުރި ކުރެހުންތަކާއި އެންމެހާ ލިޔެކިއުންތައް ފަދަ މުހިންމު މައުލޫމާތުތައް ކޮންމެހެން ހިމަނަންޖެހޭނެކަމަށް ނ. އަތޮޅު ކައުންސިލުން މައުލޫމާތުދެއެވެ.
ފައިސާގެ އެހީ ދޭނެ ގޮތުގެ އުސޫލު ނ. އަތޮޅު ކައުންސިލުން ލިބޭނެ ކަމަށް އަތޮޅު ކައުންސިލުން މައުލޫމާތުދެއެވެ.
ނ.އަތޮޅު ކައުންސިލުން ބުނީ އެހީ ދޫކުރެވޭނީ ހުށަހަޅާ ޕްރޮޕޯސަލްތައް އިވެލުއޭޓު ކުރުމަށްފަހުކަމަށާއި އަންނަ މަހުގެ 26 ވަނަ ދުވަހުގެ ކުރިން ޕްރޮޕޯސަލް ހުށަހަޅަންޖެހޭނެކަމަށެވެ.
އެގޮތުން ޕްރޮޕޯސަލްތައް އިވެލުއޭޓްކޮށް އެހީދޭން ނިންމުމުގައި ބަލާނެ ކަންތަކުގެ ތެރޭގައި މަޝްރޫއުގެ މަގުސަދާއި، މަޝްރޫއުގެ ދެމެހެއްޓެނިވިކަމާއި، ރައްޔިތުންނަށް މަޝްރޫއުގެ ސަބަބުން ސީދާ އަދި ނުސީދާ ގޮތުން ކުރާނެ ފައިދާތަކާއި، މި ސަރުކާރުގެ ސިޔާސަތާ ގުޅުންހުރި މިންވަރުގެ އިތުރުން ރަށުކައުންސިލުން އެ މަޝްރޫއެއްގައި ހިއްސާވާނެ މިންވަރަށް ބަލާނެ ކަމުގައިވެސް ނ. އަތޮޅު ކައުންސިލުން މައުލޫމާތުދެއެވެ.
އަންނަ މަހުގެ 26 ގެ ފަހުން ހުށަހަޅާ ޕްރޮޕޯސަލްތައް ބަލައި ނުގަންނާނެކަމަށްވެސް ނ. އަތޮޅު ކައުންސިލުން ބުނެއެވެ.