ޚަބަރު

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ފޮނުއްވި ނަންފުޅުތައް އާމުންގެ ހިޔާލަށް ހުޅުވާލައިފި

ހުސްވެފައިވާ އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ބޭފުޅަކު އައްޔަނު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ނަންފުޅުތަކަށް އާއްމުންގެ ހިޔާލު ހޯދަން ހުޅުވާލައިފި އެވެ.

މިކަމާބެހޭގޮތުން ރައްޔިތުންގެ މަޖިލީހުން ކުރި އިއުލާނުގައި ބުނެފައިވަނީ އެ މަގާމަށް އައްޔަން ކުރެއްވުމަށް ރައީސް ފޮނުއްވާފައިވާ ނަންތަކާ ގުޅޭ ގޮތުން އާއްމުންގެ ޝަކުވާއެއް ވޭތޯ ބެލުމަށް މަޖިލީހުގެ ގަވާއިދުގެ 201 ވަނަ މާއްދާގެ (ރ) ގެ ދަށުން އިއުލާން ކުރާ ކަމަށެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ބޭފުޅަކު އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ނަންފުޅުތަކުގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ، ހުސެއިން ފިޔާޒު މޫސާ އާއި، އަހްމަދު ފަޔާޒް ހަސަން އާއި، އަހްމަދު އާހިދު ރަޝީދާއި، ފާތިމަތު ސައުސަން އެވެ.

ރައްޔިތުންގެ މަޖިލީހުން ބުނެފައި ވަނީ އަންނަ ސެޕްޓެމްބަރު އެއްވަނަ ދުވަހުގެ މެންދުރު 02:00 ގެ ކުރިން އެއްވެސް ޝަކުވާއެއްވާ ނަމަ އެ ފަރާތެއްގެ ފުރިހަމަ ނަމާއި، ދާއިމީ އެޑްރެސް، އަދި ގުޅޭނެ ފޯނު ނަންބަރު އެނގޭ ގޮތަށް [email protected] އަށް މެއިލް ކުރުމަށް ނުވަތަ މަޖިލީހުގެ އިދާރާއަށް ލިޔުމުން ފޮނުވަން އެދޭ ކަމަށެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އައްޔަނު ކުރެއްވުމަށް ރައީސް ފޮނުއްވި ނަންތައް، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިހާރު ދަނީ ދިރާސާކުރަމުންނެވެ.