ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ

ސުޕްރީމް ކޯޓުުގެ ފަނޑިޔާރުކަމުން އަބްދުﷲ ދީދީ ވަކިކޮށްފި

އިބްރާހިމް ޒަކީ

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ މައްސަލަ ބަލައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން، މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން

އެ މައްސަލަ ބަލައި މަޖިލީހުގެ ތަޅުމަށް ފޮނުވި، ކޮމިޓީ ރިޕޯޓުގައިވާގޮތަށް، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން އަބްދުﷲ ދީދީ ދެންމެ ވަކިކޮށްފިއެވެ.

މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުން ވަކިކުރި ފުރަތަމަ ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ ގޮތުގައި އަބްދުﷲ ދީދީ ވަކިކުރީ ޖަލްސާގައި ތިއްބެވި 75 މެންބަރުންގެ ތެރެއިން 72 މެންބަރުން ވޯޓު ދެއްވައިގެންނެވެ.

ފަނޑިޔާރުން ވަކި ކުރުމާބެހޭގޮތުން، ގާނޫނުއަސާސީ ބުނެފައިވަނީ ފަނޑިޔާރަކު މަގާމުން ވަކި ކުރެވޭނީ ޖޭއެސްސީގެ ހުށަހެޅުމަށް ބިނާކޮށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ނަގާ ވޯޓުގައި ބައިވެރިވާ މެމްބަރުންގެ ތެރެއިން ތިން ބައި ކުޅަ ދެ ބައި މެމްބަރުންގެ އަޣުލަބިއްޔަތުން ލިބިގެން ކަމަށެވެ.

އަބްދުﷲ ދީދީ ފަނޑިޔާރު ކަމުގެ މަގާމުން ވަކިކުރަން ޖުޑިޝަރީ ކޮމިޓީން ފާސްކޮށް، މަޖިލީހުގެ ތަޅުމަށް ހުށަހެޅި ރިޕޯޓްގައި، ޖޭއެސްސީން މައްސަލަ ބަލައި ހުށަހެޅި ކަންތައްތަކުގެ ތެރޭގައި އަބުދުﷲ ދީދީއާބެހޭގޮތުން ނުވަ ކަމެއް ފާހަގަކޮށްފައިވެއެވެ.

އޭގެ ތެރޭގައި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ހިމެނޭ މީހުންނާ ހާއްސަ ގުޅުންތަކެއް ބޭއްވުމާއި، އެ މީހުންގެ އަތުން ނާޖާއިޒު ފައިދާތަކެއް ނެގުމުގެ އިތުރުން ވަގަށް ނަގާފައިވާ ކަމަށް ބުނާ ނޫސްވެރިޔާ އަހްމަދު ރިލްވާން ވަގަށް ނެގި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންނަށް ލުއިތަކެއްދީ އެމީހުންނާ ހާއްސަ ގުޅުމެއް ބޭއްވި މައްސަލައާއި މަގާމުގެ ބޭނުން ކޮށްގެން ނާޖާއިޒު ފައިދާތަކެއް ނެގިކަމުގެ ތުހުމަތުވެސް އޭގެ ތެރޭގައި ހިމެނެއެވެ.

ފަނޑިޔާރު އަބުދުﷲ ދީދީގެ މައްސަލައިގެ ތަހުގީގު ޖޭއެސްސީން ކުރިއަށް ގެންދިޔައިރު، އަބުދުﷲ ދީދީގެ އެދިވަޑައިގެންނެވުމަށް އާއްމުކޮށް ހުޅުވާލައިގެންވެސް އަޑުއެހުންތައް ވަނީ ބާއްވައިފައެވެ. އަދި ދިފާއުގައި އަނގަބަހުން ޖަވާބުދާރީވެވަޑައިގެންނެވުމަށް ފުރުސަތު ދިނުމުގެ އިތުރުން، ލިޔުމުން ޖަވާބުދާރީ ވެވަޑައިގެންނެވުމަށް 30 ދުވަހުުގެ މުއްދަތެއް ދެއްވިއެވެ.

ޖޭއެސްސީ އެ މައްސަލަ މަޖިލީހަށް ފޮނުވީ ޖަވާބުދާރީވެވަޑައިގެންނެވުމަށް އަބުދުﷲ ދީދީ ހުށަހެޅުއްވި ލިޔުންތަކަށް ބެއްލެވުމަށްފަހުގައެވެ.

ފަނޑިޔާރު ކަމުގެ މަގާމުން އަބުދުﷲ ދީދީ ވަކިކުރުމަށް ޖޭއެސްސީން އިއްޔެ ނިންމި ނިންމުމާ ގުޅިގެން ފަނޑިޔާރު އަބުދުﷲ ދީދީ ވިދާޅުވީ އެއީ ބާތިލް ތަހުގީގަކުން ނިންމާފައިވާ ބާތިލު ނިންމުމެއް ކަމަށެވެ. އެ މައްސަލައިގައި ފާހަގަކުރެވޭ މުހިންމު ނުކުތާތަކުގެ މައްޗަށް އެކުލެވޭ، 53 ސަފުހާގެ ތަފުސީީލީ ބަޔާނެއް ވެސް ފަނޑިޔާރު ދީދީ ރޭ ވަނީ ނެރުއްވައިފަ އެވެ.