އައްޑޫ ސިޓީ

ޒަހަމްތަކަކާއެކު އެއްލައިލާފައި އޮއްވާ ފެނުނު މީހާ އިތުރު ފަރުވާއަށް މާލެ ގެންނަނީ

ޝަހީދާ އަބްދުﷲ ސައީދު

އައްޑޫ ސިޓީގެ މަރަދޫއިން ޒަހަމްތަކަކާއެކު އެއްލާލާފައި އޮއްވައި ފެނުނު މީހާއަށް އިތުރު ފަރުވާ ދިނުމަށް މާލެ ފޮނުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އައްޑޫ ސިޓީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ބުނެފިއެވެ.

''ވަން އޮންލައިން'' އަށް މައުލޫމާތު ދެއްވަމުން، ހިތަދޫ ރީޖަނަލް ހޮސްޕިޓަލު ހިންގެވުމާއި ހަވާލުވެ ހުންނެވި ޝަރަފު ސާދާތު ވިދާޅުވީ އަނިޔާކޮށްފައި އެއްލައިލާފައިވަނިކޮށް އެހޮސްޕިޓަލަށް ގެންދިޔަ މީހާގެ ހާލު ސީރިއަސް ނޫން ކަމަށެވެ. އަދި އޭނާއަށް އައިސީޔޫގައި ފަރުވާ ދެމުން އަންނަނީ ބޮލަށް ގެއްލުން ލިބިފައި ހުރުމުން ކަމަށާއި ހާލު ރަނގަޅުވަމުން އަންނަ ކަމަށް ވެސް ޝަރަފު ވިދާޅުވިއެވެ.

ޝަރަފު ވިދާޅުވީ ބޭރުން ފެންނަ އިރު ބޮލުގެ ހަންގަނޑު ހަލާކުވެފައި ހުރުމުން ނާށިގަނޑަށް ގެއްލުމެއް ލިބިފައި ހުރިތޯ ބަލަން ޑޮކްޓަރު ބޭނުންވާކަމަށެވެ. އަދި އެ ހޮސްޕިޓަލުން ސީޓީ ސްކޭން ހެދެން ނެތުމުން، ބަަލި މީހާ މިއަދު މާލެ ފޮނުވާލުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ޝަރަފު ވިދާޅުވިއެވެ.

އާސަންދަ ހަމަޖެއްސުމުގެ ކަންކަން މިހާރު ކުރަމުން އަންނަ ކަމަށާއި މިއަދު މެންދުރު ފަހުގެ ވަގުތެއްގައި އޭނާ މާލެ ފޮނުވައިލެވޭނެ ކަމަށް ލަފާކުރައްވާކަމަށްވެސް ޝަރަފު ވިދާޅުވިއެވެ.

އަނިޔާ ކުރުމަށްފަހު މަރަދޫ ފުއްޓަރު ފަރާތަށް އެއްލާލާފައި އޮއްވައި ފެނުނީ ހުވަދުއަތޮޅަށް ނިސްބަތްވާ ޒުވާނެކެވެ.

ފުލުހުން އިއްޔެ ބުނީ، ސ. މަރަދޫ ފުއްޓަރު ފަރާތުގައި ޒަހަމްތަކަކާއެކު މީހަކު އޮތް ކަމުގެ މައުލޫމާތު އިއްޔެ 3:30 ހާއިރު ފުލުހުންނަށް ލިބިފައިވާކަމަށެވެ.