ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމުން ވަކިކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ތަހުގީގު ކޮމިޓީން ނިންމި ނިންމުމަކީ ބާތިލް ތަހުގީގަކުން ނިންމާފައިވާ ބާތިލް ނިންމުމެއް ކަމަށް ފަނޑިޔާރު ދީދީ ވިދާޅުވެއްޖެއެވެ.
ފަނޑިޔާރު ދީދީއާ ގުޅޭ ހިޔާނާތުގެ މައްސަލައިގެ އިތުރުން ވެސް ބޮޑެތި ތުހުމަތުތަކާއެކު އޭނާގެ މައްސަލަ ޖޭއެސްސީގެ ތަހުގީގު ކޮމިޓީން ބަލާފައިވަނީ، ފަނޑިޔާރު ދީދީގެ ވެސް އެދިވަޑައިގެންނެވުމުގެ މަތީން އާންމުކޮށް ހުޅުވާލައިގެންނެވެ.
އެ ތަހުގީގަށްފަހު ދީދީގެ ދިފާއުގައި ޖަވާބުދާރީ ވުމުގެ ފުރުސަތު އޭނާއަށް ދިނުމުން ދީދީ ވަނީ ލިޔުމުން ޖަވާބުދާރީ ވެވަޑައިގެންފައެވެ. އަދި އެ ޖަވާބަށް ބެލުމަށްފަހު ޖޭއެސްސީން މިއަދު ވަނީ ތައުދީބީ ފިޔަވަޅެއްގެ ގޮތުގައި ފަނޑިޔާރު ދީދީ، މަގާމުން ވަކި ކުރުމަށް މަޖިލީހަށް ހުށަހަޅާފައެވެ.
ތަހުގީގު ކޮމިޓީގެ ރިޕޯޓަށް ޖަވާބުދޭން ފަނޑިޔާރު ދީދީއަށް ފުރުސަތު ދިނުމުން 11 ނުކުތާއަކަށް ބިނާކޮށް 51 ސޮފްހާގެ މައްޗަށް ދިން ބަޔާން ދީދީ އާންމުކޮށްފައިވާއިރު އޭގައި އޭނާ ވިދާޅުވީ، ޖޭއެސްސީން އޭނާއާ ދެކޮޅަށް ބޭނުންކޮށްފައިވަނީ ފުލުހުން ފޮނުއްވި ސިޓީއަކާއެކު އެސްއެމްއެސް ޗެޓްލޮގް ތަކެއް ހިމެނޭ ކަރުދާސްތަކެއް ނަމަވެސް މައްސަލާގައި ޖަވާބުދާރިވުމަށްޓަކައި ސާފުކޮށްދެއްވުމަށް އެދުނު "ތަފްސީލީ މައުލޫމާތު" ޖޭއެސްސީން ފޯރުކޮށްދީފައި ނުވާ ކަމަށެވެ.
އެގޮތުން ފުލުހުން ހުށަހެޅި ލިޔުންތަކުގައި، ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލި މައްސަލާގެ ތަހުގީގަށް ފުލުހުން ހައްޔަރުކުރި ދެ މީހަކު ބަންދުން ދޫކުރެވޭނެ އިންތިޒާމް ހަމަޖައްްސަން އޭރު އެދުވަސްވަރު ރާއްޖޭގައި ހިންގާފައިވާ ބޮޑެތި ކުށްތަކެއްގައި ހިމެނޭ "ސަސްޕެކްޓް 1" ފަނޑިޔާރު ދީދީއާ މުއާމަލާތްކޮށް، އެ މީހުންގެ ނަން މެސެޖްކޮށްފައިވާ ކަމަށް ބުނެފައިވެއެވެ.
އެ ދުވަސްވަރު އެ ދެ މީހުން ވެސް ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ނެތް ކަމަށް ކަނޑައަޅައި އެމީހުން ބަންދުން ދޫކޮށްލާފައިވަނީ ވެސް ދީދީކަން ފުލުހުން ހުށަހެޅި ލިޔުމެއްގައި އެނގެއެވެ.
އެ މައްސަލައިގެ އިތުރުން ފަނޑިޔާރު ދީދީ މަގާމުގައި ހުންނަވައިގެން އެމްއެމްޕީއާރުސީގެ ފައިސާއަސް ހިޔާނާތްތެރިވި ކަމަށް ތުހުމަތުކުރެވޭ ފަރާތްތަކުގެ ކިބައިން ފައިސާ ނެގުމާއި މަގާމުގެ ނުފޫޒު ބޭނުންކޮށް ނާޖާއިޒް މަންފާތަކެއް ހޯދިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ވެސް ފުލުހުން މައްސަލައާ ގުޅިގެން ހުށަހެޅި ލިޔުންތަކުގައި ހިމެނެއެވެ.
އެކަމާ ގުޅިގެން ދީދީ ދިން ޖަވާބުގައި ވިދާޅުވެފައިވަނީ، އޭނާއާ ދެކޮޅަށް ފުލުހުންނަށް އިންޓަވިއުދިން ދެ މީހުންނަކީ ކާކު ކަމެއް ސާފުކޮށްދީފައި ނުވާއިރު އެފަރާތްތަކާ ސުވާލުކޮށް، އެފަރާތުން ދައްކާ ވާހަކައަށް ރައްދުދީ ހަގީގަތް ސާބިތުކޮށްދީ ތުހުމަތު ބަރީއަވުމުގެ ފުރުސަތު ނުދީ ޖޭއެސްސީން ތަހުގީގު ނިންމޭނޭ ހަމައެއް ނޯންނާނެ ކަމަށެވެ.
އޭގެ އިތުރުން އޭނާގެ މައްސަލާގައި ފުލުހުން ހުށަހެޅި ޗެޓްލޮގް ލިޔުންތަކުގައި ބުނެފައިވާ މެސެޖްތަކަށް އިންކާރުކުރައްވާ ދީދީގެ ބަޔާނުގައި ވިދާޅުވީ، އެ މެސެޖްތަކަކީ އޭނާ ކުރެއްވި މެސެޖްތަކެއްކަން ކަށަވަރުވާ ހަރުދަނާ އެއްވެސް ގަރީނާއެއް ނެތީސް އެފަދަ މެސެޖްތަކަށް ރިއާޔަތްކޮށް، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފުވެފައިވަ ކަމަށް ޖޭއެސްސީން ކަނޑައަޅާފައިވަނީ މައްސަލަތައް ބެލުމުގައި އަމަލުކުރަންޖެހޭ އަދި ރިއާޔަތްކުރަންޖެހޭ އުސޫލުތަކާ ހިލާފަށް ކަމަށެވެ.
އަދި އޭނާއާމެދު ކޮށްފައިވަނީ ޖިނާއީ ކުށެއްގެ ތުހުމަތު ކަމަށްވާއިރު އެފަދަ މައްސަލަތައް ބެލުމުގެ އިހްތިސާސް ޖޭއެސްސީއަށް ލިބިގެން ނުވާ ކަމަށާއި އެފަދަ މައްސަލަތަކުގައި ފިޔަވަޅު އެޅޭނީ އެ މައްސަލައެއް ޖިނާއީ އިޖުރާއަތުގެ ތެރެއިން ތަހުގީގުކޮށް އެ ފަނޑިޔާރެއްގެ މައްޗަށް ދައުވާއެއްކޮށް އެ ދައުވާ ކޯޓުން ސަބިތުވެއްޖެ ހާލަތުގައިކަމަށް ވެސް ބަޔާނުގައި ވިދާޅުވެފައިވެއެވެ.
"...ފަނޑިޔާރު އަބްދުﷲ ދީދީ ރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ތަހުގީގު ކޮމިޓީން ނިންމާފައިވާ ނިންމުމަކީ ބާތިލް އިޖުރާއަތަކުން ހިންގާފައިވާ ބާތިލު ތަހުގީގަކުން ނިންމާފައިވާ ބާތިލު ނިންމުމެއް ކަމަށް ދެކެމެވެ،" ދީދީގެ ބަޔާން ނިންމަވާލައްވަމުން ވިދާޅުވެފައިވެއެވެ.
ޖޭއެސްސީގެ ތަހުގީގު ރިޕޯޓްގައި ފާހަގަކޮށްފައިވާ ހުރިހާ ކަމަކަށް ރައްދުދެއްވައި ދީދީ ބަޔާން ދެއްވިއިރު، އޭނާ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން މިރޭ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެ މައްސަލަ ދިރާސާކުރުމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ވަނީ ފޮނުވައިފައެވެ.
"ވަން"އަށް މައުލޫމާތު ދެއްވި މަޖިލީހުގެ ސީނިއާ މެމްބަރަކު މިއަދު ވިދާޅުވީ، ކޮމިޓީ މަރުހަލާގައި ޖޭއެސްސީން ޑިއު ޕްރޮސެސް ފޮލޯކޮށްފައި ވޭތޯ ޔަގީންކުރާނެއެވެ. އެއަށްފަހު ކޮމިޓީގެ ރިޕޯޓް މަޖިލީހަށް ފޮނުވާނެއެވެ. އެހެންކަމުން ބެލެވޭގޮތުގައި ފަނޑިޔާރު ދީދީ ވަކިކުރުމާ ގުޅޭގޮތުން ގޮތެއް ނިންމޭނީ މާދަމާ ބާއްވާ ރައްޔިތުން މަޖިލީހުގެ ޖަލްސާގައެވެ.