ޚަބަރު

ރައީސް ނަޝީދު އުފެއްދެވި ތިމާވެށި ޖަމިއްޔާގެ ފުރަތަމަ ޕްރޮޖެކްޓް މިއަހަރު ފަހުކޮޅު ފަށަނީ

ފަތޯނާ ފާއިޒު

ތިމާވެއްޓާ ގުޅުން ހުރި މަސައްކަތްތައް ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެން އުފެއްދި ޖަމިއްޔާގެ ފުރަތަމަ ޕްރޮޖެކްޓް މިއަހަރުގެ ފަހުކޮޅު ފައްޓަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދާއި ގ. އަނޫރާނީ، މަރިޔަމް ރާހިލް ނަސީމް އިސްވެ ހުންނަވައިގެން "މޯލްޑިވްސް ކޮރަލް އިންސްޓިޓިއުޓް"ގެ ނަމުގައި އުފެއްދި އެ ޖަމިއްޔާގެ ބޭނުމަކީ މޫސުމަށް އަންނަ ބަދަލުތަކާއި ތިމާވެއްޓަށް ގެއްލުން ނުވާ ގޮތަށް ރަށްތައް ތަރައްގީކުރާނެ ގޮތްތައް ހޯދައި، ފަރުތައް ހިމާޔަތް ކުރުމަށް މަސައްކަތް ކުރުމެވެ.

އއ. އުކުޅަހުގައި ބާއްވާ ސައިންސްވެރިންގެ ބައިނަލްއަގްވާމީ ކޮންފަރެންސްގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ދިވެހިންގެ ދިރިހުރުމާއި ދިރިއުޅުމުގެ ވައްޓަފާޅިއާ ފަރުތަކާ ވަރަށް ބޮޑަށް ގުޅިފައިވާ ކަމަށެވެ.

އެގޮތުން ފަރުތަކަކީ ގޮނޑުދޮށްތައް ގިރުން ސަލާމަތް ކޮށްދީ، މަސްމަހާމެހީގެ ދިރިހުރުން ރައްކާތެރިކޮށްދޭ އެއްޗަކަށްވާއިރު، ތޫފާން ތަކުން ރާއްޖެ ރައްކާތެރިކޮށްދީ، ގޮނޑުދޮށުގައިވާ ވެލިގަނޑު ހިމާޔަތް ކޮށްދިނުމުގައި ފަރުތައް މުހިންމު ދައުރެއް އަދާކުރާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެހެންކަމުން މުރަކައިން ހެދިފައިވާ ފަރުތަކާ ނުލާ ރާއްޖެ، ރާއްޖެއަކަށް ނުވާނެކަން ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ، ފަރުތައް ހަލާކުވާ މަންޒަރު ބަލަން ތިބެވެން ނެތް ކަމަށެވެ.

އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ފަރުތައް ހިމާޔަތް ކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަންޖެހޭ ކަމަށާއި އެކަމުގައި ސައިންސްގެ އެހީ ބޭނުން ކުރެވިދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެގޮތުން ކޮރަލް އިންސްޓިޓިއުޓް އުފެއްދީ ވެސް އެ މަގްސަދަށްޓަކާ ކަމަށާއި އެ ޖަމިއްޔާއިން ކުރާނެ މަސައްކަތްތަކަކީ އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުން ކޮށްގެން މޫސުމަށް އަންނަ ބަދަލުތަކުން ފަރުތައް ސަލާމަތް ކުރުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އަދި ވިދާޅުވީ، މުރަކައާ ނުލާ އެއާޕޯޓްތަކާ ބަނދަރުފަދަ ތަންތަން އިމާރާތް ކުރެވިދާނެ ޑިޒައިންތައް ތައްޔާރު ކުރުމަކީ ކޮރަލް އިންސްޓިޓިއުޓުން ކުރާނެ މަސައްކަތެއް ކަމަށެވެ.

މޯލްޑިވްސް ކޮރަލް އިންސްޓިޓިއުޓްގެ ފުރަތަމަ ޕްރޮޖެކްޓާ ގުޅޭގޮތުން ރައީސް ނަޝީދު ވިދާޅުވީ، އެ ޖަމިއްޔާގެ ފުރަތަމަ ޕްރޮޖެކްޓްގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން އެންމެ ގާބިލު ކޮރަލް ސައިންޓިސްޓުން ބައިވެރިވާނެ ކަމަށެވެ. އެ މަޝްރޫއުގެ އަމާޒަކީ މޫސުމަށް އަންނަ ބަދަލުތަކުން މުރަކަތަކަށް ލިބޭ ގެއްލުން ކުޑަ ކުރުން ކަމަށް ވެސް ވިދާޅުވިއެވެ.