ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ، މަގާމުން ވަކި ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ ދިރާސާ ކުރަން މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައިފިއެވެ.
ފަނޑިޔާރު ދީދީއާ ގުޅޭގޮތުން ޖޭއެސްއީއަށް ހުށަހަޅާފައިވާ ތަހުގީގީ ރިޕޯޓްގައިވާ ކަންކަމަށް ބެލުމަށްފަހު ތައުދީބީ ފިޔަވަޅެއްގެ ގޮތުގައި ފަނޑިޔާރު ދީދީ ވަޒީފާއިން ވަކި ކުރުމަށް މަޖިލީހަށް ހުށަހަޅަން ނިންމީ ޖޭއެސްސީން މިއަދު ބޭއްވި ބައްދަލުވުމުގައެވެ. އަދި އެކަން މަޖިލީހަށް ފޮނުވީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.
ފަނޑިޔާރުން މަގާމުން ވަކި ކުރުމަށް އޮންނަ އިޖުރާއަތަކީ ޖޭއެސްސީން އެ ފަނޑިޔާރެއްގެ މައްސަލަ ބެލުމަށްފަހު ވަކި ކުރަން ފެންނަނަމަ އެ މައްސަލައެއް މަޖިލީހަށް ފޮނުވުމެވެ. ފަނޑިޔާރަކު މަގާމުން ވަކި ވާނީ އެކަމެއް މަޖިލީހުން ފާސްކުރުމުންނެވެ.
އެގޮތުން ފަނޑިޔާރު ދީދީ މަގާމުން ވަކި ކުރުމާމެދު ގޮތް ނިންމުމަށް މިރޭ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށް، މަޖިލީހުގެ އާންމު އުސޫލުގެ ތެރެއިން އެކަން ދިރާސާ ކުރުމަށްވަނީ ކަމާ ގުޅުންހުރި ކޮމިޓީއަށް ފޮނުވައިފައެވެ.
"ވަން"އަށް މައުލޫމާތު ދެއްވި މަޖިލީހުގެ ސީނިއާ މެމްބަރަކު މިއަދު ވިދާޅުވީ، ކޮމިޓީ މަރުހަލާގައި ޖޭއެސްސީން ޑިއު ޕްރޮސެސް ފޮލޯކޮށްފައި ވޭތޯ ޔަގީންކުރާނެއެވެ. އެއަށްފަހު ކޮމިޓީގެ ރިޕޯޓް މަޖިލީހަށް ފޮނުވާނެއެވެ.
އެހެންކަމުން ބެލެވޭގޮތުގައި ފަނޑިޔާރު ދީދީ ވަކިކުރުމާ ގުޅޭގޮތުން ގޮތެއް ނިންމޭނީ މާދަމާ ބާއްވާ ރައްޔިތުން މަޖިލީހުގެ ޖަލްސާގައެވެ.