ޚަބަރު

ސައުދީގައި ރާއްޖޭގެ ކޮންސިއުލޭޓެއް އުފައްދައިފި

ފަތޯނާ ފާއިޒު

ސައުދީ އަރަބިއްޔާގެ ޖިއްދާގައި ދިވެހިރާއްޖޭގެ ކޮންސިއުލޭޓެއް އުފައްދައިފިއެވެ.

ރައީސް އޮފީހުން ބުނީ މިއަދު އުފެއްދެވި އެ ތަނަކީ ހާރިޖީ ވުޒާރާގެ ދަށުން ހިނގަމުން އަންނަ، އަދި ސައުދީގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ދަށުން ހިނގަމުން އަންނަ ތަނެއްގެ ގޮތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހަމަޖައްސަވާފައިވާ ކަމަށެވެ.

ގާނޫނުއަސާސީގެ 116 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިހުތިޔާރުގެ ދަށުން ޖިއްދާގައި ރާއްޖޭގެ ކޮންސިއުލޭޓެއް އުފެއްދެވީ، ހައްޖާއި އުމްރާއަށްދާ ދިވެހިންނަށް ދިމާވާ ކަންތައްތަކުގައި އެހީތެރިވެދިނުމަށާއި، ޖިއްދާގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނަށާއި، އެތަނުގައި ދިރިއުޅޭ ދިވެހިންނަށާއި، އެތަނަށް ޒިޔާރަތްކުރާ ދިވެހިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށާއި، ރާއްޖެއާއި ސައުދީއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހި ކުރުމުގެ މަގުސަދުގައި ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.

ޖިއްދާގައި ހުންނަ ރާއްޖޭގެ ކޮންސިއުލޭޓަށް ދައުލަތުގެ އިދާރާތަކުން ލިޔުއްވާ ސިޓީގައި ޖައްސަވާނެ ނަމްބަރެއް ކަމުގައި ހަމަޖައްސަވާފައި ވަނީ 481 އެވެ.

ސައުދީ އަރަބިއްޔާއާ ރާއްޖެއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 1981 ވަނަ އަހަރު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައެވެ. އަދި އެގައުމުގައި ރާއްޖޭގެ އެމްބަސީއެއް ގާއިމު ކުރީ އެ އަހަރުގެ މާޗުމަހުގެ 17 ވަނަ ދުވަހުއެވެ. ސައުދީ އަރަބިއްޔާއަކީ އެކި ކަންކަމުގައި ރާއްޖެއަށް އެހިތެރިކަން ފޯރުކޮށްދެމުން އަންނަ ގައުމެކެވެ.

އެގައުމުގެ އެހީގައި ކުރިއަށްދާ އެންމެ ބޮޑު އެއް މަޝްރޫއަކީ ކިންގް ސަލްމާން މިސްކިތުގެ މަޝްރޫއެވެ.