ރާއްޖޭގެ ސިއްހީ ދާއިރާއަށް ޖަޕާން ސަރުކާރުން 41 މިލިއަން ރުފިޔާގެ ސިއްހީ އާލާތްތައް ހަދިޔާ ކޮށްފިއެވެ.
ޖަޕާނުން ގައުމުތަކަށް އެހީދޭން ބޭނުންކުރާ ޖަޕާން ގްރާންޓް އެއިޑް ފަންޑުގެ އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމެންޓް ޕްރޮގްރާމްގެ ދަށުން ރާއްޖެއަށް ހަދިޔާކުރި ތަކެތީގެ ތެރޭގައި 21 އެމްބިއުލާންސާއި ފަސް ޑެންޓަލް އެކްސްރޭ ޑިވެލޮޕަރާއި ނުވަ ޑެފިބްރިލޭޓަރުގެ އިތުރުން ފަސް ޑެންޓަލް އޮޓޯ ކްލޭވް ހިމެނެއެވެ.
އޭގެ އިތުރުން ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗަށް ޓްރާންސްޕޯޓަބަލް ދެ އިންކިއުބޭޓަރާއި ދެ އެމަޖެންސީ ޓްރާންސްޕޯޓް ވެންޓިލޭޓަރާއި ދެ ޕޯޓަބަލް އަލްޓްރާ ސައުންޑް ސްކޭނަރު ވެސް ހިމެނެއެވެ.
ޖުމްލަ 300 މިލިއަން ޖަޕަނީސް ޔެން (41،427،540 ދިވެހި ރުފިޔާ)ގެ މި އެހީ ދިވެހި ސަރުކާރާ ހަވާލުކުރެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީއެވެ. ދިވެހި ސަރުކާރުން އެ އެހީއާ ހަވާލުވެވަޑައިގަތީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނެވެ.
ޖަޕާން ސަރުކާރުން މީގެ ކުރިން ވެސް ރާއްޖޭގެ ސިއްހީ ދާއިރާގެ ކުރިއެރުވުމަށް ގިނަ އެހީތަކެއްވަނީ ވެދީފައެވެ. އެގޮތުން އެންޑޯސްކޯޕް މެޝިނާއި އިންފެންޓް އިންކިއުބޭޓަރާއި އެކްސްރޭ މެޝިންތަކުގެ އިތުރުން ސަކްޝަން ޔުނިޓްތައް ހިމެނެއެވެ.
އަދި 2017 ވަނަ އަހަރު އެގައުމުން ރާއްޖެއަށް 14 މިލިއަން ރުފިޔާގެ ސިއްހީ އާލާތްތައް ހަދިޔާކުރިއިރު، 2014 ވަނަ އަހަރު 24 މިލިއަން ރުފިޔާގެ ތަކެތި އަދި 2013 ވަނަ އަހަރު 27 މިލިއަން ރުފިޔާގެ ތަކެތި ރާއްޖޭގެ ސިއްހީ ދާއިރާއަށް ޖަޕާން ސަރުކާރުން ވަނީ ހަދިޔާކޮށްފައެވެ.