ޝަހީދާ އަބްދުﷲ ސައީދު
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ، މަގާމުގައި ހުންނަވައިގެން މަންފާތަކެއް ހޯއްދަވައިފައިވާ ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ތަހުގީގު ކޮމިޓީގެ ރިޕޯޓުގައި ބުނެފިއެވެ.
ފަނޑިޔާރު އަބްދުﷲ ދީދީއާ ގުޅޭގޮތުން މިއަހަރުގެ ޖޫން މަހުގެ 17 ވަނަ ދުވަހު އެކޮމިޝަނަށް ހުށަހެޅި ޝަކުވާގެ މައްސަލަ ޖޭއެސްސީގެ ތަހުގީގު ކޮމެޓީން ބެލުމަށްފަހު އެކޮމިޝަނުން އެކުލަވައިލައި އާންމުކުރި ތަހުގީގު ރިޕޯޓު މިއަދު ވަނީ އާންމުކޮށްފައެވެ.
ފަނޑިޔާރު ދީދީގެ މައްޗަށް ތުހުމަތުކުރީ ފަނޑިޔާރު ކަމުގައި ހުންނަވައިގެން އެމްއެމްޕީއާރުސީގެ ފައިސާއަށް ހިޔާނާތްތެރިވި ކަމަށް ތުހުމަތު ކުރެވޭ މީހުންގެ ކިބައިން ފައިސާ ނެންގެވުމާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު މަންފާތަކެއް ނެންގެވުމެވެ. އެ މައްސަލަ ތަހުގީގުކޮށް ނިންމާފައިވަނީ މިދިޔަ މަހުގެ ހަތްވަނަ ދުވަހުއެވެ.
ޖޭއެސްސީން އާންމުކުރި ރިޕޯޓުގައިވާގޮތުން ފަނޑިޔާރު ދީދީގެ މައްޗަށް ތުހުމަތުކޮށް ފުލުހުން ބަލަމުންދިޔަ ޖިނާއީ މައްސަލައަކީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު މަންފާތަކެއް ހޯދިކަމަށް ތުހުމަތުކުރެވޭ މައްސަލައެކެވެ. އަދި އެ މައްސަލަ ފުލުހުންގެ އިދާރާއިން ބަލަމުން އަންނަ ކަމާއި އެ މައްސަލައިގައި ފަނޑިޔާރު ދީދީއަށް ތުހުމަތުކުރެވިފައިވާކަން ފުލުހުންގެ އިދާރާއިން ރަސްމީކޮށް އަންގާފައިވުމަކީ އޭގެ ޒާތުގައިވެސް ފަނޑިޔާރެއްގެ ކިބައިގައި ހުރުން، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުން ލާޒިމުކޮށްފައިވާ، އަދި އެ ސިފަތައް ދީދީގެ ކިބައިގައިި ފުރިހަމަވާ ކަމާމެދު ސުވާލު އުފެދޭ ކަމަށް ރިޕޯޓުގައި ވެއެވެ.
އަދި ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް އޮތްތޯ ނުވަތަ ނެތްތޯ ބަލައި ކަށަވަރުކުރުމަކީ ސުލޫކީ މައްސަލަތައް ބެލުމުގެ ދުސްތޫރީ އަދި ގާނޫނީ ޒިންމާ ގާނޫނު އަސާސީން ޖޭއެސްސީއަށް މަތިކޮށްފައިވާ ކަމެއް ކަމަށް ވެސް ބުނެފައި ވެއެވެ.
އެ މައްސަލައިގެ ތަހުގީގަށް ފަހު ޖޭއެސްސީއަށް ފުލުހުން ހުށަހެޅި ލިޔުންތަކުގެ ތެރޭގައި ފަނޑިޔާރު ދީދީ އެކިއެކި ފަރާތްތަކާ ދެމެދު ބަދަލުކުރެވިފައިވާ 37 މެސެޖު ހިމެނޭ ކަމަށާއި އެ މެސެޖުތަކުގައި ގިނައީ ދެތިން ލަފުޒުގެ ކުރުމެސެޖުތަކެއް ކަމަށެވެ. އަދި ޑޮކިއުމެންޓް ހަތަރެއްގައި ފާހަގަކޮށްފައިވާ ލިޔުމުގައި އޮތީ އެންމެ މެސެޖެއް ކަަމަށާއި ފަސް ވަނަ ޑޮކިއުމެންޓްގައި އޮތީ ފަނޑިޔާރު ދީދީ ކުރިމިނަލް ކޯޓުގައި ހުންނެވި އިރު އަމިއްލައަށް ނެރެފައިވާ ކޯޓު އަމުރެއްގެ ކޮޕީއެއް ކަމަށް ވެސް ރިޕޯޓްގައި ވެއެވެ.
އަދި އޭގެ އިތުރުން މޮބައިލް ނަމްބަރަކުން ކޮށްފައިވާ މެސެޖުތަކަކީ ފަނޑިޔާރު ދީދީގެ ފޯނުންކޮށްފައިވާ މެސެޖުތަކެއް ކަމަށް ފަނޑިޔާރު ދީދީ ތަހުގީގުގައި އިއުތިރާފުވެވަޑައިގެންނެވި ކަމަށާއި މިހާރުވެސް ކޮމިޝަނުން ދީދީއާ މުއާމަލާތުކުރަމުންދަނީ ހަމަ އެ ނަންބަރުން ކަމަށެވެ.
އޭގެ އިތުރުން މެލޭޝިއާގައި ހުންނެވި ފަނޑިޔާރު ދީދީގެ އަނބިކަނބަލުންނަށް މެލޭޝިއާގައި ހުންނަ ދިވެހި ރާއްޖޭގެ އެމަބްސީގެ ޑެޕިއުޓީ އެމްބެސެޑަރުކަން ހޯދައިދިނުމަށް އެދި ސިޔާސީ ބާރުވެރި ފަރާތަކަށް މެސެޖެއް ފޮނުއްވިކަން އެނގެން އޮތް އިރު، އެ މަގާމަށް އަނބިކަނބަލުން ހަމަޖައްސާފައިވަނީ، އެ މެސެޖުކުރި ތާރީހުގެ ފަހުންކަން ތަހުގީގަށް އެނގެން އޮތް ކަމަށް ރިޕޯޓުގައި ވެއެވެ.
އަދި 12 ޖޫން 2014 ގައި ފަނޑިޔާރު ދީދި ބޭނުންކުރައްވާ މޮބައިލް ނަމްބަރުން ''ބްރޯ އަޅުގަނޑު ފުރަން މިއުޅެނީ. ޑޮލަރުކޮޅެއް ބޭނުން އިނގޭތޯ.'' މިގޮތަށް ލިޔެފައިވާ މެސެޖުގެ ސްކްރީން ޝޮޓެއް ތަހުގީގަށް ލިބިފައިވާ އިރު، އެ އަހަރުގެ ޖުލައި 14 ގައި ފަނޑިޔާރު ދީދީ ރާއްޖެއިން ބޭރަށް ދަތުރުކުރިކަން އިމިގްރޭޝަނުގެ ލިޔެކިޔުންތަކުން އެނގެން ހުރި ކަމަށްވެސް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.
އެހެންކަމުން ފަނޑިޔާރު ދީދީގެ އަނބިކަނބަލުންނަށް މަގާމު ހޯދުމަށް ސިޔާސީ ފަރާތަކަށް މެސެޖުކޮށް އެދިފައިވާތީއާއި އަމިއްލަ ބޭނުމަކަށް އެހެން ފަރާތެއްގެ އަތުން ފައިސާއަށް އެދިފައިވާކަން ތަހުގީގަށް އެނގެން އޮތުމުން، އެ އަމަލަކީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގައިވާ މާއްދާތަކާ ހިލާފު އަމަލުތަކެއް ކަމަށް ރިޕޯޓްގައި ވެއެވެ.
އަދި މީގެ އިތުރުން ރިޕޯޓުގައިވަނީ ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލުވާނު ގެއްލުވާލުމުގައި ބައިވެރިކަމަށް ތުހުމަތުކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ދެމީހެއްގެ ތެރެއިން އެކެއްގެ މައްޗަށް، އެ ކުށް ކުރިކަން ތަހުގީގަށް ސާބިތުވެ ދައުވާކޮށްފައި ވަނިކޮށް އެ މައްސަލަ ކުރިމިނަލް ކޯޓުގައި ހިންގަން ބެލި އިރު، އޭނާ ރާއްޖެ ދޫކޮށް ފިލާފައިވާ ކަމަށާއި ރިލްވާނު ގެއްލުވާލި ކަމަށް ފުލުހުން ތުހުމަތުކުރި ދެމީހެއްގެ ނަމާއި އައިޑީކާޑު ނަމްބަރު ޖެހުމަށްފަހު 28 ސެޕްޓެމްބަރު 2014 ގައި އަބްދުﷲ ދީދީގެ ފޯނަށް މެސެޖުކޮށްފައިވާކަން ވެސް ތަހުގީގަށް އެނގިފައިވާ ކަމަށެވެ. އެހެންކަމުން އެ އަމަލަކީ ވެސް ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފަށް ދީދީ ކުރައްވާފައިވާ އަމަލެއް ކަމަށް ވަނީ ބުނެފައެވެ.
އެ މައްސަލައިގެ ތަހުގީގު ޖޭއެސްސީގެ ތަހުގީގު ޓީމުން ކޮށްފައިވަނީ ފަނޑިޔާރު ދީދީއަށް އެކަށިގެންވާ ފުރުސަތު ނުދީ ކަމަށް ވިދާޅުވި ވިދާޅުވުމަށްވެސް ރިޕޯޓުގައި ރައްދު ދީފައިވެއެވެ. އެގޮތުން ފަނޑިޔާރު ދީދީއަށް ގާނޫނުގައި ދޭންޖެހޭ ހުރިހާ އިޖުރާއަތްތަކެއް ދީފައިވާ ކަމަށާއި އަދި އެ ތަހުގީގު ހިންގާފައިވަނީ އިންސާފުވެރިކަމާ އެކު ކަމަށް ޖޭއެސްސީގެ އެ ރިޕޯޓުގައި ވެއެވެ.