ޚަބަރު

ފިނޭންސް މިނިސްޓްރީގެ ނައިބުގެ މަގާމަށް ބޭފުޅަަކަށް އައްޔަން ކުރައްވައިފި

ފަތޯނާ ފާއިޒު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، ފިނޭންސް މިނިސްޓްރީގެ ނައިބުގެ މަގާމަށް މ. ސެވެންސްޓާ، އަހްމަދު އިމާން މޫސާ މިއަދު އައްޔަނު ކުރައްވައިފިއެވެ.

އިމާން މޫސާއަކީ އޮސްޓްރޭލިޔާގެ ޔުނިވާސިޓީ އޮފް ކުއީންސްލޭންޑުން އިންޓަނޭޝަނަލް އިކޮނޮމިކްސް އެންޑް ފައިނޭންސްގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލު ކުރައްވައިގެން ހުންނެވި ބޭފުޅެކެވެ.

އޭނާ އެންމެ ފަހުން އަދާކުރައްވާފައިވަނީ ސްކަލް ފިޝިންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމެވެ. އޭގެ އިތުރުން އިމާންވަނީ ރާއްޖޭގެ އެންމެ ބޮޑު މުވާސަލާތީ ހިދުމަތް ދޭ ކުންފުނި، ދިރާގާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ އިސް މަގާމުތަކެއް ވެސް ފުރުއްވައިފައެވެ.

ފިނޭންސް މިނިސްްޓްރީއަށް މިއަދު ނައިބަކު އައްޔަން ކުރެއްވިއިރު، މިއީ އެ މިނިސްޓްރީއަށް އައްޔަންކުރެއްވި ހަތަރު ވަނަ ނައިބެވެ. ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުންގެ ގޮތުގައި މިވަގުތު ތިއްބެވީ ދެ ބޭފުޅުންނެވެ.

މިއަދު ތިއްބެވި ބޭފުޅުންނާއެކު މި ސަރުކާރުގައި މިހާތަނަށް 38 ޑެޕިއުޓީ މިނިސްޓަރުންނާއި އެ ފެންވަރުގެ ފެންވަރުގެ 30 ބޭފުޅުން ތިއްބެވިއިރު، ޑެޕިއުޓީ ފެންވަރުގެ ވަޒީފާތަކުގައި ތިއްބެވި ބޭފުޅުންގެ ޖުމްލަ އަދަދު 68 އަށް އަރައެވެ. މިއިން ކޮންމެ ބޭފުޅެއްގެ މުސާރައަކީ މަހަކު 30،000 ރުފިޔާއެވެ.