ޝަހީދާ އަބްދުﷲ ސައީދު
ލަކުޑީގެ ނަމުގައި ރާއްޖެއަށް ވަގަށް އެތެރެކުރި ކާރާއި ޕިކަޕާއި ގިނަ އަދަދެއްގެ ސައިކަލު ތަކެއް ކަސްޓަމްސް އިން އަތުލައިގެންފިއެވެ.
ކަސްޓަމުން މިއަދު ބުނީ، ލަކުޑި އެތެރެކުރުމުގެ ނަމުގައި މިދިޔަ ހޮނިހިރު ދުވަހު ގެނެވުނު ދެ ކޮންޓެއިނަރެއްގައި ވެހިކަލްތަކެއް ރާއްޖެއަށް އެތެރެ ކުރަމުންދާކަމުގެ މައުލޫމާތު ލިބުމުން ކަސްޓަމާއި ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މިހާތަނަށް ތިން ކާރާއި ދެ ޕިކަޕާއި ދެ ވޭނާއި 14 ސައިކަލު ކަސްޓަމުގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށެވެ.
އަދި މިވެހިކަލުތަކުގެ ޖުމްލަ ސީ.އެންޑް. އެފްގެ އަގު 586،000 ރުފިޔާއަށް އަންދާޒާ ކުރެވޭއިރު، އެތަކެތީގެ އިމްޕޯޓް ޑިއުޓީގެ ގޮތުގައި ދައުލަތަށް 558،000 ރުފިޔާ ލިބެންޖެހޭނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް ކަސްޓަމުގެ ބަޔާނުގައި ވެއެވެ. އަދި އެމައްސަލަ ކަސްޓަމުން ތަހުގީގު ކުރަމުންދާކަމަށްވެސް ބަޔާނުގައި ބުނެފައި ވެއެވެ.
ބަޔާނުގައި އިތުރަށް ބުނީ، އެފަދަ މައްސަލަތަކާއި ގުޅިގެން ކަސްޓަމުން ފޯރުކޮށްދޭ ހިދުމަތްތަކާއި މުއައްސަސާގެ ނަޒާހަތްތެރިކަން ގާއިމުކޮށް ނެގެހެއްޓުމަށް އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް އެއްވެސް ފަސްޖެހުމެއް ނެތި އަޅަމުންދާނެ ކަމަށެވެ.